މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ގެ ސިޔާސަތުތައް ކުރިއަށް އޮތްތަނުގައި އެކުލަވާލާނީ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހިމަނައިގެން ކަމަށް މިނިސްޓަރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި " ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ވަޒަންކުރެވިގެންދިޔަ ކަމަށެވެ.
ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެވި، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން، މި ކޮންފަރެންސްއިން ލިބުނު ހިޔާލުތަކާއި މަޝްވަރާތައް މިނިސްޓަރީގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހުރިހާ މަޝްވަރާތަކުން ނުކުތް ނަތީޖާއަކީ އަޅުގަނޑުމެންގެ ވުޒާރާއިން ކުރިއަށް އޮތްތަނުގައި ޒުވާނުންނަށްޓަކައި އެކުލަވާލާ ސިޔާސަތުތަކުގެ އެންމެ މުހިންމު ބައި. އަޅުގަނޑުމެން ތިޔަ ހުށަހެޅުންތައް ކަރުދާހުގައި ބާއްވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަމަލީގޮތުން މިކަންކަން ތަންފީޒުކުރުން." މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މި ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލެވުނީ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި މިފަދަ މުހިންމު މައުޟޫޢެއްގައި ޒުވާނުންގެ އަޑު ހިތްވަރާއެކު ކެރިގެން އިއްވައިދިނީތީ އެކަމާމެދު ފަޚުރުވެރިވެލައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުން މާލޭ ޔޫތު ހަބުގައި ކުރިއަށްގެންދިޔަ މި ކޮންފަރެންސް ޚާއްސަކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތެރެއިން މިކަމަށް ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.









.jpg?w=3840&q=75)
.jpeg?w=3840&q=75)