








ވީސީއެސްއޭ އާއި އެވިޑް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު ހަތަރުވަނަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން އެވިޑް ބަލިކޮށް ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި ވީސީއެސްއޭ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައިވާއިރު، މިއީ މުބާރާތުގައި އެވިޑުން ކުޅުނު ފުރަތަމަ މެޗެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ވީސީއެސްއޭ އިން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 16-8 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 12 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 19-7 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި ވީސީއެސްއޭގެ ޒައިދު 20 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމު އަފްއާން ވަނީ ހަ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ވީސީއެސްއޭގެ އަދްޔަން އަދި އަޔާން މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ރާޒިން ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެވިޑްގެ ނާބިތު 10 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ޝުއާއު އަދި ސޯލިހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ދެ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އެވިޑްގެ އަސީދު އިތުރު އެއްޕޮއިންޓް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ ޒައިދު މުހައްމަދު ތައުފީގް އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ވީސީއެސްއޭގެ އޮތްއިރު، މިމެޗުން ބަލިވި އެވިޑްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.




