








ލިވަޕޫލާއި ބްރައިޓެން ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް ލިވަޕޫލުން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން މޮޅުވެފައިވާއިރު، ބްރައިޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ.
ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ލިވަޕޫލުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މިލަނޑަކީ ބްރައިޓަންގެ މިޑްފިލްޑަރު ޕަސްކަލް ގްރޮސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެލެގްޒެންޑާ އިސާކް އެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ލިވަޕޫލަށް 15 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރައިޓަން އިން ލީގުގައި ކުޅުނު އަށް މެޗުން ހޯދި 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ




