








އޭސީސީ: - ފޮޓޯ | މެންދުރު ޓީވީ
ސަރުކާރުގެ ފަރާތުން "ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ، ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތުގައި އެޅުނު ތާރީޚީ އަދި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަމަށް މަރުޙަބާ ދަންނަވައިފިއެވެ.
އޭސީސީން ހާމަކުރި ގޮތުގައި، މި ބިލުގެ ސަބަބުން ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުޙައްޤު މަންފާތައް އަނބުރާ ދައުލަތަށް ނަގައި، ޤާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބެމުންދިއުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ޤާނޫނީ އޮނިގަނޑެއް ޤާއިމުވެގެންދާނެއެވެ. އަދި މިއީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެކެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އިންސާފު ޤާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރުމުގައި ދެމިއޮންނާނެ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީން ވަނީ މި ބިލު ވީހާވެސް އަވަހަށް އަދި ފަންނީ ގޮތުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ޢަމަލީ ސިފައެއްގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް އުންމީދުކުރާ ކަމަށް ހާމަކޮށްފައެވެ.








