





.jpeg?w=3840&q=75)


ބިދޭސީން
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންެގެ މުސާރަ މަރުކަޒީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
މި ބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގައެވެ. މި އިސްލާހުގައި ވަނީ އެ ޤަވާއިދުގެ 58 ވަނަ މާއްދާގެ "ނ"ގެ ފަހަތަށް "ރ" ހިމަނައި ބައެއް އިތުރުކޮށްފައެވެ. މި އިސްލާހާއެކު ގަވާއިދު މިހާރު ވަނީ ގެޒެޓްކޮށްފައެެވެ.
މި ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބެންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށް ކަމަށެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އުޖޫރަ ލިބޭނެ ކަން ކަށަވަރުކުރެވި، ރާއްޖެއިން ބޭރަށް ރެމިޓެންސްގެ ގޮތުގައި ފޮނުވާ ފައިސާގެ ތަފްސީލް ދެނެގަތުމަށް ދައުލަތަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.








