



.jpeg?w=3840&q=75)




މާލޭ ވިޔަފާރި ބަނދަރުން މާލެ އަތޮޅު ތިލަފުށީގެ ކާގޯ ޓާމިނަލްއަށް ބައެއް ބާވަތުގެ ކޮންޓެއިނަރު ގެންދިއުމަށް އެމްޕީއެލްއިން ފީނަގަން ފަށައިފިއެވެ.
މާލޭ ވިޔަފާރި ބަނދަރު ސިނާއީ ކަންކަމަށް ހާއްސަ ކ. ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ، ކުރިއަށް ގެންދަމުންނެވެ.
ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ކޮންޓެއިނަރ ފީތަކަށް ބަލާއިރު، މާލެ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލްއަށް 20 ފޫޓުގެ ކޮންޓެއިނަރ ގެންދިއުމަށް ނަގާނެ ފީއަކީ، 1500 ރުފިޔާއެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރ ގެންދާނެ އަގަކީ، 3000 ރުފިޔާކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
މި ފީ ނަގަން ފަށާނީ، 15 ނޮވެމްބަރުން ފެށިގެންކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން މަޑުމަޑުން ޚިދުމަތްތައް ބަދަލު ކުރުމުގެ މަސައްކަތް ދަނީ، ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރު މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ވަނީ ފަށާފައެވެ.
މާލޭ ވިޔަފާރި ބަނދަރަކީ، 1986ވަނަ އަހަރު ޚިދުމަތް ފެށި ބަނދަރެކެވެ. 2015ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުންދަނީ، ބަނދަރުގެ ކެޕޭސިޓީ އަށްވުރެ 3 ގުނަ އިތުރަށެވެ. ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ، މިހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށެވެ.




.jpeg?w=3840&q=75)



.jpeg?w=3840&q=75)