



.jpeg?w=3840&q=75)




ރަހާ ރިސޯޓު
ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކުގެ ހެވީ ލޯޑު ކުންފުނިން ރަހާ ރިސޯޓު ހިންގާ ދެ ރަށް ވިއްކާލަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހާ ރިސޯޓު ހިންގާ ލ.އަތޮޅުގެ ފަރެސް އަދި ކުޑަ ފަރެސް މަދުވެގެން 45.6 މިލިޔަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފައިވަނީ، ބީއެމްއެލްއަށް ދައްކަންޖެހޭ ލޯނު ނުދައްކައިގެންނެވެ.
މި ރަށްރަށުގެ ހެޑްލީޒް 2064 ވަނަ އަހަރު ހަމަވާއިރު، ހެވީ ލޯޑުން ބީއެމްއެލްއަށް ދައްކަންޖެހޭ ލޯނު ނުދައްކައިގެން ރަހާ ރިސޯޓު ހިންގާ ދެ ރަށް ވިއްކާލަން މީގެ ކުރިން ވެސް ބޭންކުން އެކި ފަހަރު މަތިން ވަނީ އިޢުލާންކޮށްފަ އެވެ. މި ދެ ރަށް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަންޖެހޭއިރު،މި ރަށްތައް ވިއްކާލަނީ ސިވިލް ކޯޓުން މި މަހުގެ 2 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެންނެވެ.މި ރިސޯޓުގެ އެންމެ ހާއްސަ އެއް ސިފައަކީ، ރިސޯޓުގެ އެތެރޭގައި އޮންނަ ގުދުރަތީ ލޮނުގަނޑެކެވެ. މިއީ އެހެން ރިސޯޓުތަކާ ތަފާތު، ހިތްގައިމު ގުދުރަތީ މާހައުލެއް މި ރިސޯޓަށް ގެނެސްދޭ ކަމެކެވެ. އަދި ރިސޯޓުގައި ބީޗު ވިލާތަކާއި ލޭކް ވިއު ވިލާތަކުގެ އިތުރުން ސޯލްޓް ވޯޓާ ލޭކް ވިލާ އާއި އޯޝަން ވިއު ވިލާތައް ވެސް ހުރެ އެވެ.
މީގެ އިތުރުން ކެއިން ބުއިމުގެ ޚިދުމަތް ދޭ ތިން ތަނަކާއި ވެލްނެސް ސްޕާގެ އިތުރުން ޖިމަކާއި ކުޑަކުދިންނަށް ޚާއްސަ ކްލަބެއް ވެސް މި ރިސޯޓުގައި ހިންގައެވެ.




.jpeg?w=3840&q=75)