






.jpeg?w=3840&q=75)

ބޭރުފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަން ހާމަކުރަން (މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ) އެމްއެމްއޭ އިން ނިންމައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަން ހަނދާންކޮށްދޭ ކަމަށެވެ.
ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތެއް ވާނަމަ އެ ފަރާތްތަކުގެ ނަން ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ހާމަކުރާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން މީގެކުރިން މާރުކުރުމުގެ ސުންގަޑިއަކީ މީލާދީ މަސް ނިމި، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ގެ ކުރިންނެވެ. އެގޮތުން ސެޕްޓެންބަރު މަހުގެ އާމްދަނީ 28 ޑިސެންބަރު 28 ގެކުރިން މާރުކުރަން ޖެހޭނެއެވެ.
ނަމަވެސް މިހާރު ގެނައި ބަދަލާއެކު މީލާދީ މަހެއް ނިމި، އެ މަހަށް ފަހު ހިނގާ ފުރަތަމަ މަހުގެ 28 ގެ ކުރިން ފައިސާ މާރުކުރަން ޖެހޭނެއެވެ. މާނައަކީ ސެޕްޓެންބަރު މަހުގެ އާމްދަނީ 28 އޮކްޓޫބަރގެ ކުރިން މާރުކުރަން ޖެހުމެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށްވެސް އެމްއެމްއޭއިން ވަނީ އިސްލާހެއް ގެނެސްފައެވެ. މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތް ނުވާ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހެނީ އެ ފަރާތަކަށް ކޮންމެ އަހަރަކު ލިބޭ އާމްދަނީ 15 މިލިޔަން ޑޮލަރަށް އަރާނަމައެވެ. ނަމަވެސް މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މިއަދަދު 25 މިލިޔަން ޑޮލަރަށް ވަނީ މަތިކޮށްފައެވެ.
އެމްއެމްއޭއިން ވަނީ މި ބަދަލު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދާއި ބޭރުފައިސާ އާއި ބެހޭ އާންމު ޤަވާއިދުގައިވެސް ހިމަނާފައެވެ. މީގެ އިތުރުން ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ މާރުކުރުމުގެ އިލްތިޒާމުގެ ބޭނުމަށް ހާއްސަ އެކައުންޓެއް ހަމަޖެއްސުމަށް ޤާނޫނުގައި ހިމަނާފައި ވުމާއެކު ރަޖިސްޓްރީ ކުރާއިރު މާރުކުރުމަށް ބޭނުންކުރާ ހާއްސަ އެކައުންޓު ހިމެނުމަށްވެސް ޤަވާއިދުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓުގައި ޝާޢިއުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެއެވެ.








