
މި މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް) ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށްް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 2019 ވަނަ އަހަރުން ފެށިގެން މި ދުވުމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފައިވާ ހަރަކާތެކެވެ. މިއީ ޑީއެމްއާރްއާރް މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި އާދަތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، މިފަހަރުގެ ދުވުމުގައިވެސް ދުވުންތެރިންނަށް ފެން ފޯރުކޮށްދޭ ސްޓޭޝަންތަކުގައި ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރުދާސް ތަށީގައެވެ. މީގެއިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި، ރީ-ޔޫސް ކުރެވޭ ފެންފުޅި ގެންގުޅުމަށް ހުރިހާ ދުވުންތެރިންނަށްވެސް ދިރާގުން ވަނީ ބާރުއަޅާފައެވެ.
ދިރާގުން ފާހަގަކުރި ގޮތުގައި، މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 18،000 ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވައިދެއެވެ. މިއީ ރާއްޖޭގެ ނާޒުކު ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި، ޕްލާސްޓިކް ކުނި މަދުކުރުމަށް އެ ކުންފުނިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެގެން ގޮސްފައިވަނީ، މިފަދަ ބޮޑެތި އިވެންޓްތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވިދާނެކަން ސާބިތުކޮށްދީފައިވާ ކާމިޔާބު ހަރަކާތަކަށެވެ. މިއަހަރުގެ ދުވުމުގައި 5،600 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ އިރު، ޕްލާސްޓިކް ބޭނުންނުކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހްތިޔާރުކުރުމަށް ހުރިހާ ބައިވެރިންނަށްވެސް ދިރާގުން ވަނީ ދައުވަތު އަރުވާފައެވެ.
އެންމެން ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ހެޔޮ ބަދަލުތަކުން، ތިމާވެއްޓަށް ރައްކާތެރި، ސާފު ފެހި ރާއްޖެއެއް ބިނާކުރުމަކީ ދިރާގުގެ އެންމެ މައިގަނޑު އެއް އަމާޒެވެ.











.jpeg?w=3840&q=75)


