
ސަރުކާރާއި، ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާގާއި ވާހަކަދައްކަވަމުންނެވެ.
ޑރ. އަޒުވަރު ވިދާޅުވީ، ސެޕްޓެމްބަރ 30 އިން ނޮވެމްބަރ 06 ށް ކުންފުނީގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވުނު ކަމަށާއި، އެކަމަށްޓަކައި ކުންފުނީގެ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.
މި ރަސްމިއްޔާތުގައި އެމްޑީ ޑރ. އަޒުވަރު ވިދާޅުވީ، މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަމަށާއި، ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ސްޓެލްކޯއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ލެވެލްގައާއި ރައްޔިތުންގެ ފަރާތުން މިކަމުގައި ކުރާ އުންމީދުތައް އިތުބާރާއެކު ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުން، ޚާއްޞަކޮށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، އިތުބާރު ހުރި ޚިދުމަތެއް ލިބޭ ތަނެއްގެ ގޮތުގައި ސްޓެލްކޯގެ ބްރޭންޑް މިހާރުވެސް ހިފެހެއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައި މިހާރު އެންމެން ގުޅިގެން ކުރިއަށްދާއިރު، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ޒިންމާގެ ބޮޑުކަން އިޙްސާސްކުރެއްވޭ ކަމަށް އެމްޑީ ވިދާޅުވިއެވެ.
“މި ޒިންމާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ،" އެމްޑީ ވިދާޅުވިއެވެ.
މީގެއިތުރުން ސްޓެލްކޯގެ ތެރޭގައި މިހާރުވެސް ހިފަހައްޓަމުންދާ ރަނގަޅު އުޞޫލުތައް ކުރިއަށް އޮތް ތަނުގައިވެސް ހިފަހައްޓަމުން ގެންދެވިއްޖެނަމަ، ދިމާވާ ގިނަ ކަންތައްތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތާއެކު މި ނިންމައިލެވުނީ ތާރީޚީ ގޮތުން ނުހަނު މުހިންމު މަސައްކަތެއް ކަމަށެވެ. ޚާއްޞަކޮށް މި ފުރަތަމަ މަރުޙަލާގެ ދުވަސްތަކުގައި، މުވައްޒަފުންނާ ގުޅޭގޮތުން ގެންގުޅޭ އެންމެހައި އުސޫލުތައް ފުރިހަމައަށް ދަމަހައްޓައި، ސްޓެލްކޯއަކީ ހަރުދަނާ އުސޫލެއްގެ ތެރެއިން ހިނގާ ތަނެއްކަން ހުރިހާ މުވައްޒަފުންނަށް އިހުސާސްވާންޖެހޭނެ ކަމަށް ޑރ. އަޒުވަރު ވަނީ ވިދާޅުވެފައެވެ.
މި މަރުހަލާ ކާމިޔާބުކަމާއެކު ނިންމައި، ޚިދުމަތްތަކާ ހަވާލުވުމަށްފަހު ދެން އޮތް އެންމެ ބޮޑު އަދި އުނދަގޫ މަސައްކަތަކީ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި، ރަށްރަށުގެ ފެންވަރުގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ކުންފުންޏާ މެދު އޮތް ވަރަށް ބޮޑު އުންމީދަކަށްވާތީ، އެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން ޑރ. އަޒުވަރު ވިދާޅުވީ، ޚާއްޞަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް މިހާރުވެސް ރޭވިފައިވާ ކަމަށެވެ. މީގެ އިތުރުން އަދިވެސް ވަރަށް ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުރީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކަމަށާއި، ބައެއް ރަށްރަށުގައި ރަށުގެ މެދުތެރޭގައާއި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުރުމުގެ ސަބަބުން، އިންޖީނުތަކުގެ އަޑާއި ދުމުގެ އުނދަގޫ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުންދާކަން ޑރ. އަޒުވަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ސަރުކާރުގެ މިހާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މިފަދަ އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރަށް ބަދަލުކުރުން ކަމަށާއި، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެކަށީގެންވާ ބޮޑެތި މަސައްކަތްތަކެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކަމަށްވެސް ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ.
މި ބޮޑު މަސައްކަތުގައި ކާމިޔާބު ނަތީޖާއެއް ހާސިލުކުރުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި، ވަގުތާއި، ކޮމިޓްމަންޓް ދިނުމަށް ޑރ. އަޒުވަރު ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރައްޔިތުންނަށް ލިބެމުން އަންނަ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި ނިންމެވުމަށް ޑރ. އަޒުވަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.















.jpg?w=3840&q=75)