
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގު 2026 ގައި މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ 15-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މިމެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 7-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ނިއު އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު އަށް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ނިއުރޭޑިއަންޓްގެ ސުމައްޔާ ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މައިޝާ އަބްދުލް ހަންނާން އަދި ޝަބީނާ ކަތުން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.
މީގެ އިތުރުން މިމެޗުގައި ނިއުރޭޑިއަންޓްގެ މަރިޔަމް ނޫރާ ދެލަނޑު ކާމިޔާބުކުރިއިރު، މަސުރާ ޕަރްވީން، އާމިނަތު ފަޒްލާ އަދި ސުމާ މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ ސުމައްޔާ އެވެ.
މިނަތީޖާއެކު ކޮންމެ ޓީމަކުން އެއްމެޗު ކުޅެފައިވާއިރު، ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތްއިރު، ދެވަނައިގައި އޮތް މާޒިޔާއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެމްއެސް މޭޓް އާއި ފުލުގައި އޮތް ދި ގްރާންޑޭއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.
މުބާރާތުގެ މެޗެއް ދެން އޮތީ މިހަފްތާގެ ބުދަ ދުވަހު ހަވީރު އެވެ. އެމެޗުގައި މާޒިޔާ އިން ދަ ގްރާންޑޭ އާއި ދެކޮޅަށް ނުކުންނައިރު، އެރޭ 20:00 ގައި ކުޅޭ ދެވަނަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނުކުންނާނީ އެމްއެސް މޭޓްސް އާއި ދެކޮޅަށެވެ














