






ބަންޑާރަނައިބް އަހްމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ރައްޔިތުކަމަށް އެދޭ ބިދޭސީން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އަސާސީ ތަޢުލީމާ ބެހޭ މަޢުލޫމާތު ދެނެގަނެފައިވާ މިންވަރު ބެލުމަށްޓަކައި، ޚާއްޞަ އިމްތިޙާނެއް ކުރިއަށް ގެންދިއުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އިންތިޒާމުކުރަމުންދާކަން ހާމަކޮށްފިއެވެ.
މި ޚިދުމަތަކީ، ދިވެހިރައްޔިތަކަށްވުމަށް ޝައުޤުވެރިވާ ބިދޭސީންނަށް ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ދެމުންދާ ޚިދުމަތެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ މީހަކާއި، ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް، ނުވަތަ ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތަކަށްވެއްޖެ ކޮންމެ ބިދޭސީއަކީ ދިވެހިރައްޔިތެކެވެ. ނަމަވެސް، ހަމަ އެ މާއްދާގެ (ރ) ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ، މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެ ކަމަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ށ) ގައި ދިވެހިރައްޔިތެއްގެ ކިބައިން ދިވެހިރައްޔިތުކަން ނިގުޅައިނުގަނެވޭނެކަން ކަށަވަރުކޮށްދީފައިވެއެވެ. އެހެންނަމަވެސް، ދިވެހިރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް، ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޤާނޫނުގައިވާ ގޮތުގެމަތީން އެ ފުރުޞަތުވެސް ލިބިގެންވެއެވެ.
ދިވެހިރައްޔިތަކަށްވުމަށް އެދޭ ބިދޭސީންނަށް މި އިމްތިޙާން ކުރިއަށް ގެންދަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އަސާސީ ތަޢުލީމުން އެ ފަރާތްތަކަށް އެނގިފައިވާ މިންވަރު ކަށަވަރުކުރުމުގެ ބޭނުމުގައި، އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ.
މި ކަމަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ އީ-މެއިލް އެޑްރެހަށް ފޮނުއްވުމަށް އެ އޮފީހުން އެދިވަޑައިގެންފައިވެއެވެ.



