






.jpeg?w=3840&q=75)

ފަލަސްޠީނުގެ ތާރީޚުގައި 15 ނޮވެންބަރު 1988 އަކީ ރަން އަކުރުން ފަވާލެވިފައިވާ ތާރީޚީ ދުވަހެކެވެ. އެއީ އަލްޖީރިއާގެ ވެރިރަށް އަލްޖިއާޒްގައި ބޭއްވުނު ފަލަސްޠީނުގެ ނޭޝަނަލް ކައުންސިލްގެ ޖަލްސާގައި، ފަލަސްޠީނުގެ ކުރީގެ ރައީސް ޔާސިރު ޢަރަފާތު އެ ޤައުމުގެ މިނިވަންކަން އިޢުލާނުކުރެއްވި ދުވަހެވެ. މި އަހަރަކީ އެ ތާރީޚީ އިޢުލާނަށް 38 އަހަރު ފުރޭ މުނާސަބަތެވެ. މި އިޢުލާނަކީ ޒަމާންވީ އަޅުވެތިކަމާއި އިސްތިޢުމާރާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދާއި ޤުރުބާނީގެ ރަމްޒެކެވެ.
މިނިވަންކަމުގެ އިޢުލާނުގައި ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއް ކަމަށާއި، އެ ޤައުމުގެ ވެރިރަށަކީ ޤުދުސް ކަމުގައި ކަނޑައެޅުނެވެ. މި ބަޔާނަކީ ފަލަސްޠީނުގެ ކުޅަދާނަ ޅެންވެރިޔާ މަޙްމޫދު ދަރްވީޝް އެކުލަވާލެއްވި އަސަރުގަދަ ބަޔާނެކެވެ. މި އިޢުލާނާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުގެ އާ ދޮރުތަކެއް ހުޅުވިގެންދިޔައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކުން ފަލަސްޠީނުގެ މިނިވަންކަން ވަގުތުން ބަލައިގަނެ، އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކުރިއެވެ.
ފާއިތުވި 38 އަހަރުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރެވުނު ނަމަވެސް، އިސްރާއީލުގެ އަނިޔާވެރި އިސްތިޢުމާރަށް ނިމުމެއް އައިސްފައެއް ނުވެއެވެ. އިސްރާއީލުން ގެންދަނީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ޣައްޒާ އަދި ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންނެވެ. ޚާއްޞަކޮށް ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި، ބަންދުކޮށް، އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ މިނިވަންކަމުގެ އުއްމީދުތަކަށް ހުރަސްއެޅުމަށް ޒަޔަނިސްޓުން ހިންގާ ލާއިންސާނީ ޢަމަލުތަކެކެވެ.
ނަމަވެސް، އިސްރާއީލުގެ މި އަނިޔާވެރިކަމަކީ ފަލަސްޠީނުގެ ރައްޔިތުންގެ އަޒުމް ގުޑުވާލެވުނު ކަމަކަށް ނުވިއެވެ. ކޮންމެ ދުވަހަކު ގެދޮރު ސުންނާފަތިވެ، ޢާއިލާތައް ޝަހީދުވަމުންދާއިރު ވެސް ފަލަސްޠީނުގެ ކުދިބޮޑު އެންމެން ދައްކަމުންދަނީ ކެތްތެރިކަމާއި ޘާބިތުކަމުގެ މަތިވެރި މިސާލެކެވެ. އެމީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅުމުގެ ޙައްޤާއި، މިނިވަންކަމުގެ އިޙްސާސަކީ ބަޑިއާއި މިސައިލުން ފުހެލެވޭނެ އެއްޗެއް ނޫންކަން އެ ރައްޔިތުން ވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.
މި މުނާސަބަތަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިހުމާލާއި ދެފުށްދެކެހި ސިޔާސަތުތައް ހާމަވެގެންދާ ދަނޑިވަޅެކެވެ. އދ. ގެ އެތައް ޤަރާރަކުން ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކޮށްދީފައި ވީނަމަވެސް، ބާރުގަދަ ޤައުމުތަކުން އިސްރާއީލަށް ދޭ ވާގިވެރިކަމުގެ ސަބަބުން މި ޤަރާރުތައް ތަންފީޒުކުރެވިފައެއް ނުވެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާ ފަރާތްތަކުން ފަލަސްޠީނުގެ މައްސަލައިގައި އިޚްތިޔާރުކޮށްފައިވާ ހިމޭންކަމަކީ މުޅި އިންސާނިއްޔަތު ލަދުވެތިވާންޖެހޭ ކަމެކެވެ.
މުޅި އިސްލާމީ އުންމަތަށް ބަލާއިރު، ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ވަކި ޤައުމެއްގެ ބިމުގެ މައްސަލައެއް ނޫނެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ މަސްޖިދުލްއަޤްޞާއާ ގުޅިފައިވާ، ޢަޤީދާގެ މައްސަލައެކެވެ. އެހެންކަމުން، އިސްލާމީ ޤައުމުތަކުން މިއަދު މިވަނީ ކުރިއަށްވުރެ ބޮޑަށް އެއްބައިވަންތަކަން އިސްކޮށް، ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލަން ޖެހިފައެވެ. ސިޔާސީ އަދި އިޤްތިޞާދީ ގޮތުން އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުވުމަކީ މުޅި އުންމަތުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމުގައި ފަސްނުޖެހޭ ޤައުމެކެވެ. ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން އަބަދުވެސް ދެކެނީ ފަލަސްޠީނުގެ މިނިވަންކަމަކީ ކޮންމެހެން ލިބެންޖެހޭ ޙައްޤެއްގެ ގޮތުގައެވެ. 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިގެން އުފެދޭ މިނިވަން ފަލަސްޠީނުގެ ދައުލަތަކަށް ރާއްޖެއިން ކުރާ ތާއީދު ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. ދިވެހިންގެ ދުޢާއާއި އެހީތެރިކަން އަބަދުވެސް ވަނީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކުގައެވެ.
ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 38 އަހަރު ފުރުނުއިރު، އެ ޤައުމުގެ ރައްޔިތުން ދައްކަމުންދާ ޖިހާދަކީ މިނިވަންކަމުގެ އަލިވިލުމަކަށް ކުރާ އުއްމީދުގެ ދިރުމެވެ. އަނިޔާވެރިކަމާއި އިސްތިޢުމާރު ކިތަންމެ ދިގުދެމިގެން ދިޔަކަމުގައި ވިޔަސް، ބާޠިލުގެ މައްޗަށް ޙައްޤު އަބަދުވެސް ކާމިޔާބުވާނެއެވެ. ފަލަސްޠީނުގެ ބިމުގައި ފުރިހަމަ މިނިވަންކަމުގެ ދިދަ ވިހުރި، މަސްޖިދުލްއަޤްޞާ މިނިވަންވާނެ ދުވަހަކީ މާ ދުރުނޫން މުސްތަޤްބަލެއްގައި ފެންނާނެ ދުވަހެއް ކަމާމެދު ޝައްކެއް ނެތެވެ.








