








-
އައިއެމްއެފް އަދި ވޯލްޑް ބޭންކް ގްރޫޕުގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި، 18 ވަނަ އަހަރީ "ޖީ-24/އޭއެފްއައި ޕޮލިސީމޭކާސް ރައުންޑްޓޭބަލް" ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީ ތަގުރީރުކުރައްވައިފި އެވެ.
މާލީ ޚިދުމަތްތަކުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް (ފައިނޭންޝަލް އިންކްލޫޝަން) ކްރިޕްޓޯ އެސެޓްތަކުން އަދާކުރަމުންދާ އަދި ބަދަލުވަމުން އަންނަ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑެޕިއުޓީ ގަވަރުނަރު އަސްނާ ވަނީ މި ދާއިރާއިން ހަމަހަމަ އަދި ވަޒަންކުރެވިފައިވާ އުޞޫލެއް ގެންގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އަސްނާ ވިދާޅުވީ، މާލީ ޝާމިލުކަން އިތުރުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތައް ބައްޓަންކުރަންވާނީ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށާއި، ފައިސާއާއި މާލީ ނިޒާމުގެ ހަމަޖެހުމަށް ބޭނުންވާ މިންގަނޑުތަކާ އެއްވަރުގެ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
އަދި މިފަދަ ކަންކަން ކަށަވަރުކުރުމަށްޓަކައި، ނަތީޖާ ނެރެދެވޭ ފަދަ ހަރުދަނާ ރެގިއުލޭޓަރީ އަދި ޤާނޫނީ އޮނިގަނޑުތަކެއްގެ އެހީތެރިކަން ކޮންމެހެން ބޭނުންވާނެކަންވެސް އަސްނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ވަށްމޭޒު ބައްދަލުވުމަކީ ޖީ-24 އަދި އެލަޔަންސް ފޮރ ފައިނޭންޝަލް އިންކްލޫޝަން (އޭއެފްއައި) ގެ ސިޔާސަތުތައް ކަނޑައަޅާ އިސް ފަރާތްތަކުގެ އިތުރުން، ދުނިޔޭގެ މިންގަނޑުތައް އެކަށައަޅާ އިދާރާތަކާއި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތައް އެއްތަންވެ، މާލީ ދާއިރާގެ މިފަދަ މުހިންމު އިސްކަންދޭ ކަންކަމާމެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
އައިއެމްއެފް އަދި ވޯލްޑް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުން މިފަހަރު ކުރިޔަށްދަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އެވެ.








