logoEN
WAMCO TOP 1
އޮފީސް ލީގު: ސައްތައިން ސައްތަ ރެކޯޑަކާއެކު ސްޓެލްކޯ އިން ތަށި ދިފާއުކޮށްފި

އޮފީސް ލީގު: ސައްތައިން ސައްތަ ރެކޯޑަކާއެކު ސްޓެލްކޯ އިން ތަށި ދިފާއުކޮށްފި

ހަސަން ޝަމްއޫން

logo

4/24/2026, 8:30:27 PM

# އޮފީސް ލީގު# ފުޓްސަލް# ދިވެހި ކުޅިވަރު

ސްޓެލްކޯގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: އޮފީސް ލީގު

ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް ބޭއްވި "އޮފީސް ލީގު 2026" ފުޓްސަލް މުބާރާތުގެ ފައިނަލުގައި މިރޭ ކުލަބު އެމްޓީސީސީ އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ސްޓެލްކޯ ރެކްރިއޭޝަން ކުލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

THE TRAVELLER AD

މުބާރާތުގެ ފައިނަލުން ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އެސްޓިއޯ ރެކްރިއޭޝަން ކުލަބު ބަލިކުރުމަށްފަހު އެވެ. އަދި ކުލަބު އެމްޓީސީސީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 4-0 ގެ ނަތީޖާއަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކުރުމަށްފަހު އެވެ.

ހުޅުމާލޭ ރެހެންދި އެއްނަންބަރު ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްޓެލްކޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުއާޒް އަލީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މުއާޒް އެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު މުއާޒް ވަނީ މިމެޗުގަައި އެނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި އެމްޓީސީސީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއީލް ރަޔާން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ސްޓެލްކޯ ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިން މުއާޒް އަލީ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ހުސައިން ޝަރީފް (އެމްޓީސީސީ)، މުއާޒް އަލީ (ސްޓެލްކޯ)، އިސްމާއީލް ރަޔާން (އެމްޓީސީސީ)، މުހައްމަދު ސިރުޚާން (ސްޓެލްކޯ) އަދި އަދުހަމް އަހުމަދު (ސްޓެލްކޯ) އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމަށް ދެ ކުޅުންތެރިއަކު ވަނީ ހޮވިފައެވެ. އޭއީ ސްޓެލްކޯގެ މުއާޒް އަލީ އަދި އިބްރާހީމް ރިމާހު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ސްޓެލްކޯގެ ކޯޗް އުސްމާން ނަސީރު އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ އިބްރާހީމް ރިމާހު އެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ އިން ހޯދީ ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. އެގޮތުން މިމުބާރާތުގައި އެޓީމު ކުޅުނު ހަ މެޗުން ވެސް މޮޅުވެފައިވާއިރު، މި ހަ މެޗުގައި އެޓީމުން ވަނީ ޖުމްލަ 56 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ބައިކޮޅަށް ވަދެފައިވަނީ އެންމެ ފަސް ލަނޑެވެ.

ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލެވިގެން 08 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވަނީ ވާދަކޮށްފައެވެ. އަދި މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ކުއާޓާ ފައިނަލަށް ހޮވުނުއިރު، ކޮންމެ ގުރޫޕަކުން ދެވަނަ އަދި ތިންވަނަ ހޯދި ޓީމުތަކުގެ މެދުގައި ޕްލޭއޮފް ހަތަރު މެޗުކުޅެ ކުރިހޯދި ހަތަރު ޓީމަށް ވަނީ ކުއާޓާ ފައިނަލުގެ ފަހު ހަތަރު ޖާގަ ލިބިފައެވެ.

ކޮމެންޓް
ފަހުގެ
HDC