
މާޒިޔާގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
ކަޕްވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވާދަކޮށް ޕެނަލްޓީގައި 4-6 ގެ ނަތީޖާއަކުން މޮޅުވެ މާޒިޔާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
18 އަހަރަށްފަހު މިއަހަރު ކަޕްވިނާސް ކަޕް އަލުން ބާއްވަން ފެށިއިރު، މިއަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ހަތަރު ޓީމެވެ. ލީގު އުސޫލުން ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ފައިނަލަށް ހޮވުނުއިރު،ލީގު ބުރުގައި މިދެޓީމު ވާދަކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން އެވެ.
މިއީ އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނިއުރޭޑިއަންޓުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ އެޓީމުގެ ލައިބީރިއާ މިޑްފީލްޑަރު، އަބްދުﷲ ބިލިޓީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސެންޓޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މާޒިޔާ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު އަހުމަދު އައިހަމް (ފަތޯ) ކާމިޔާބުކޮށްދިނީވލޫތު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ނަަމަވެސް އޭގެ ހަތް މިނެޓު ފަހުން ސެންޓޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނިއުރޭޑިއަންޓަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓިމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރިހަމަ ވަގުތު ކުޅުން ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސް 2-2 ގެ ނަތިޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނިއުގެ ޑަސިލްވާ އަދި އަހުމަދު އަބްދުﷲ (ލީލީ) ކުރިއަށް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރިއިރު، އެޓީމުގެ ޑޯރީ އަދި މޫސާ ޔާމީން (ޔާމްބެ) ކުރިއަށް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. ނަމަވެސް މާޒިޔާގެ އިލާން، އައިސަމް، ބެންޖަމިން ކުކޫ އަދި ހައިސަމް ހަސަން ކުރިއަށް ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް އެޓިމުން ވަނީ ކާމިޔާބުކޮށްފައެވެ.
މިއީ މިސީޒަނުގައި ޕެނަލްޓީ ޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ކާމިޔާބުކުރި ދެވަނަ ތައްޓެވެ. އެގޮތުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝިލްޓް މެޗުގައި ވެސް މިދެޓީމު ވާދަކޮށްފައިވާއިރު، އެމެޗު ވެސް މާޒިޔާ އިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެނެވެ.
މިއީ މާޒިޔާ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމަކީ ކަޕް ވިނާސް ކަޕް އުފުލާލި ހަތަރު ވަނަ ޓީމެވެ. 18 އަހަރަށް ފަހު، މި ސީޒަނުގައި ކަޕް ވިނާސް ކަޕް އަލުން ބާއްވާފައިވާއިރު. މި މުބާރާތުގެ ތާރީޚްގައި އެންމެ ކާމިޔާބު ޓީމަކީ ކުލަބު ވެލެންސިއާ އެވެ. އެޓީމުން މިމުބާރާތް ހަ ފަހަރަށް ކާމިޔާބުކޮށްފައިވާއިރު. ނިއުރޭޑިއަންޓުން ހަތަރު ފަހަރު އަދި ވިކްޓަރީ ސްޕޯޓްސް ކުލަބުން ވަނީ ތިން ފަހަރަށް ކަޕްވިނާސް ކަޕް ކާމިޔާބުކޮށްފައެވެ.
















