

%20(3).jpeg?w=3840&q=75)





ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިސްލާޙުކުރާކަމަށްވަންޏާ، ވާހަކަ ދެކެވެންޖެހޭނީ ކަންކަމުގެ ޙަޤީޤަތަށްކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު އެކަންކަމާ ކުރިމަތިލައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަންޗެޓް"ގައި ވާހަކަފުޅުދައްކަވަމުންނެވެ. ޕީ.އެސް.އެމް ނިއުސްއިން މިރޭ ގެނެސްދިން ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ދުވަސްވަރު ޤައުމުގައި ހިނގަމުންދާ ކަންކަމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިގުތިޞާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރޭގައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އިގުތިޞާދު ފުޅާކުރުން ކަމަށާއި، ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށާއި، ސިޔާސީ ގޮތުން ވާހަކަތަކެއް ދެކެވުނުކަމުގައިވީނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"ނޭޝަންޗެޓް" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ދެއްކެވި ވާހަކަފުޅުގައި، އިގުތިޞާދީ އަދި އުމްރާނީ ތަރައްގީގެ ކަންކަން ކުރިއަށްގެންދެވުމުގައި އެމަނިކުފާނުގެ ސަރުކާރުން އަމަލުކުރާ އުސޫލުތައް ތަފްސީލުކޮށްދެއްވިއެވެ. އިގުތިޞާދީ އިސްލާހުތަކާއި، ތިލަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫޢުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އިތުރުން، އިންޖިނިއަރިން ފަދަ މުހިންމު ދާއިރާތަކުން ދިވެހިން ތަމްރީނުކުރަން އިސްކަންދިނުމަކީ ގައުމުގެ މުސްތަގުބަލު ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ދުރުވިސްނުން ރަމްޒުކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





%20(3).jpeg?w=3840&q=75)
