

%20(3).jpeg?w=3840&q=75)





-
އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، ކުޅިވަރު ވުޒާރާއާއި ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ، ދުންފަތުން ރައްކާތެރިވެފައިވާ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ތަންފީޒުކުރަން ފަށާފައެވެ. މި ސިޔާސަތާއެކު ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަކީ ދުންފަތުން ރައްކާތެރިވެފައިވާ ބަޔަކަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މި މަހުގެ 18 ވަނަ ދުވަހު ނިންމަވާފައެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ޤައުމީ ޓީމުތަކެއްގައިވެސް ދުންފަތާ ދުރުވެފައިވާ އެތުލީޓުން ތިބުން ކަމަށެވެ. އަދި އެ ޓާގެޓަށް ވާސިލުވުމަށްޓަކައި ކުޅިވަރާ ބެހޭ ވުޒާރާއާއި ކުޅިވަރު ޖަމްޢިއްޔާތައް ގުޅިގެން އެތުލީޓުންނަށް ހިތްވަރުދީ، އެކަމަށް އެކި ގޮތްގޮތުން މަގުފަހިކޮށްދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކަނޑައަޅާފައިވާ މި އަމާޒަށް ވާސިލުވެވިއްޖެނަމަ އެތުލީޓުންގެ ސިއްހަތަށާއި މުބާރާތްތަކުގައި ދައްކާ ޕާފޯމަންސަށް ވަރަށް ބޮޑު ހެޔޮ ބަދަލަކާއި ކުރިއެރުމެއް އަންނާނެ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މުޅި ޒުވާނުންގެ އާބާދީ ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުން މި މަހު ނިންމެވި ނިންމެވުންތަކުގެ ތެރޭގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުވުމާއި، ޖެނެރޭޝަނަލް ބޭން ފުރިހަމައަށް ތަންފީޒުކުރުން ހިމެނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގެ ދާއިރާގެ އެކި ފަރާތްތަކުގެ ބައިވެރިވުމާއެކު، ދުންފަތާ ދެކޮޅަށް ހިންގާ ޤައުމީ ހޭލުންތެރިކަމުގެ ކެމްޕޭން މުޅި ރާއްޖެއަށް ފުޅާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.





%20(3).jpeg?w=3840&q=75)
