
ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެގައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް ފޮނުއްވި މެސެޖުގައިވަނީ ނޭޕާލަށް ކުރިމަތިވި ހިތާވެރި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ފުން ހިތާމަކުރައްވާކަމަށް ވިދާޅުވެފަ އެވެ.ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް، ހާއްސަކޮށް މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށްވެސް ރައީސް ވަނީ އެދިވަޑައިގަންނަވާފަ އެވެ.
މީގެއިތުރުން ރައީސް ވަނީ މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުނުކެނޑި މަސައްކަތްކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ތައުރީފް ކުރައްވާފައިވެ އެވެ.
ނޭޕާލުގެ ހިމާލަޔާ ފަރުބަދަތަކުގެ ސަރަހައްދުގައި ކޯރެއް ބަންޑުންވެ، ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، މަދުވެގެން 8 މީހުން މަރުވެފައިވާއިރު، މި ޙާދިސާގައި މަގުތަކާއި، ބްރިޖުތަކުގެ އިތުރުން އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނޭޕާލް ސަރުކާރުން މިހާރު ވަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށްޓަކައި އަސްކަރީ ހެލިކޮޕްޓަރުތައް އެ ސަރަޙައްދަށް ފޮނުވައިފަ އެވެ.



.jpg?w=3840&q=75)












