


%20(3).jpeg?w=3840&q=75)




ކިލިއަން އެމްބާޕޭ
ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން އެސްޕަނިޔޯލް އަތުން މޮޅުވެފައިވާއިރު، ސޮސިއެޑާޑްގެ ފުރަތަމަ މެޗުގައި ރެއާލް ބެޓިސް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ.
ރެއާލްގެ ބޭނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 40 ވަަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ރެއާލް ސޮސިއެޑާޑްގެ ލޫކާ ސޫޗިޗް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ދެވަނަ ފަހަރަށް ލީޑުހޯދީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައެވެ. އަދި އޭގެ އަށް މިނެޓު ފަހުން ވިނީޝިއަސް ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، އެމްބާޕޭ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ނުވަ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، މިމެޗުން ބަލިވި ރެއާލް ސޮސިއެޑާޑް އިން ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.



%20(3).jpeg?w=3840&q=75)
