

%20(3).jpeg?w=3840&q=75)




ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ތިލަމާލެ ބުރިޖުގެ ކޮލެޓީ ރަނގަޅުވާނެ ކަމަށާއި، އުންމީދުކުރައްވަނީ ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭ މި މަޝްރޫއުގެ މަސައްކަތް ނިމިގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިޔާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.
މިރޭގެ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަމާލެ ބްރިޖުގެ މަޝްރޫޢު ކުރިއަށްދާގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ތިލަމާލެ ބްރިޖުގެ ފެންވަރާމެދު ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވަމުން، އެ މަޝްރޫޢުގެ ކޮލިޓީ ކަށަވަރުކުރަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު 'އާރޮޕް' ކުންފުނިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާލެއާއި ވިލިމާލެ މިހާރު ގުޅާލެވިފައިވާއިރު، އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މުޅި ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ރޫޙެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖިނިއަރިން އަދި ސައިންސްގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަންވެސް ފާހަގަކުރައްވާފައެވެ. މިރޭގެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިޔަފާރިއާއި ޤާނޫނީ ދާއިރާއަށް ދާ ދަރިވަރުން ގިނަ ނަމަވެސް، ޤައުމީ ތަރައްޤީއަށް ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނޭރުން ބޭނުންވާ ކަމުގައި ފާހަގަކުރައްވާފައެވެ.





%20(3).jpeg?w=3840&q=75)
