%20(2).jpeg?w=3840&q=75)








ހުސީ އޭޝިއަން މާސްޓާސް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
ކޮރެއާގައި މިހާރު ކުރިއަށްދާ މާސްޓާސް ވޯލްޑް ޗެމްޕިއަންޝިޕް އެތްލެޓިކް މުބާރާތުގެ އަންހެން 800 މީޓަރު ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ހުސްނާ މުހަމައްދު (ހުސީ) ވޯލްޑް ޗެމްޕިއަންޝިޕެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ދިވެހި އެތްލީޓުގެ ޝަރަފު ހޯދައިފިއެެވެ.
ކޮރެއާގެ ޑޮގޫގައި ކުރިއަށްދާ މިމުބާރާތުގެ އަންހެން 45 އަހަރާއި 49 އަހަރާއި ދެމެދުގެ އުމުރުފުރާގައި ވާދަކުރި ހުސީ 800 މީޓަރު އިވެންޓުގެ ފައިނަލުގައި މިއަދު ވާދަކޮށްފައިވާއިރު، ރޭސް ނިންމާފައިވަނީ 3:02.98 އިންނެވެ.
800 މީޓަރު މި އިވެންޓުގެ ފައިނަލުގައި ހަތް ގައުމަކުން 11 އެތްލީޓުން ވާދަކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ ޓިއުނީޝިއާ، އިޓަލީ، ނިއުޒިލޭންޑް، މޮރޮކޯ، ކެނަޑާ އަދި ކޮރެއާގެ އިތުރުން ދިވެހިރާއްޖޭގެ އެތްލީޓުންނެވެ. އަދި މިއިވެންޓް ހުސީ ނިންމާފައިވަނީ އަށްވަނައިގައެވެ.
22 އޮގަސްޓް 2026 އިން 03 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކޮރެއާގެ ޑޮގޫގައި ކުރިއަށްދާ މި މުބާރާތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން، 100 އަށްވުރެ ގިނަ ގައުމުން، 7000 އަށް ގިނަ އެތްލީޓުން ވާދަކުރާއިރު، މިމުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގައި މިފަހަރު ހިމެނެނީ ހަތަރު އެތްލީޓުންނެވެ.
މިމުބާރާތުގައި 800 މީޓަރު، 1500 މީޓަރު އަދި 5000 މީޓަރުގެ އިތުރުން ހާފް މެރަތަންގައި ވެސް ހުސީ ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މިއީ އިންޓަނޭޝަނަލް މާސްޓާސް މުބާރާތެއްގައި ހުސީ ވާދަކުރާ ތިންވަނަ ފަހަރެވެ.
މީގެ އިތުރުން 2025 ވަނަ އިންޑިއާގެ ޗެންނާއީގައި އޮތް އޭޝިއަން މާސްޓާސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހުސީ ވަނީ 5000 މީޓަރު ދުވުމުން ބްރޯންޒް މެޑަލް އަދި 1500 މީޓަރު ދުވުމުން ސިލްވާ މެޑަލް ހޯދާފައެވެ. މިއީ އޭޝިއާގެ އެންމެ ބޮޑު މާސްޓާސް މުބާރާތުގައި ދިވެހި އެޓްލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ.




%20(2).jpeg?w=3840&q=75)



