
އެމްޓީސީސީ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
ވީއޭއެމް ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޑީއެސްސީ 3-1 ގެ ނަތީޖާއަކުން ބަލިކޮށް އެމްޓީސީސީ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން ޑީއެސްސީ ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ލަޔަންސް ބަލިކުރުމަށްފަހު އެވެ. އަދި އެމްޓީސީސީ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން އެޗްޑީސީ ބަލިކުރުމަށްފަހު އެވެ.
ވީއޭއެމްކަޕް 2025 ގެ ފައިނަލުގައި ވެސް މިދެޓީމު ވާދަކޮށްފައިވާއިރު، އެމްޓީސީސީ ބަލިކޮށް މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ޑީއެސްސީ އިންނެވެ. އަދި މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މިދެޓީމު ވާދަކުރި މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޑީއެސްސީ އިންނެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިރޭ ކުޅުނު ފައިނަލުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްޓީސީސީ އިންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އެމްޓީސީސީ އިން ފަރަގު ބޮޑުކުރީ ސެޓުގެ ފަހުކޮޅު 18-18 އިން ދެޓީމު އެއްވަރުވެފައި އޮތުމަށްފަހުއެވެ.
ދެވަނަ ސެޓުގެ ފަހުބައިގައި ޑީއެސްސީ ކުޅުންތެރިންގެ ފަރާތުން އިންޑިވިޖުއަލް ގިނަ މިސްޓޭކުތަކެއް ފެނިގެންދިޔައިރު، މިސެޓް އެމްޓީސީސީ އިން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 20-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި ޑިއެސްސީ އިން ވަނީ ކުޅުން ރަނގަޅުކޮށް، ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތިޖާއަކުން ސެޓު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ފޯރި އިތުރަށް ގަދަވިއިރު، މެޗުގެ ހަތަރުވަނަ ސެޓު ފޯރިގަދަ ކުޅުމަކަށްފަހު 33-31 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްޓީސީސީ އިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.


%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)






%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)


