

%20(3).jpeg?w=3840&q=75)





-
ނޭޕާލަށް ބޯކޮށް ވާރޭވެހި ކުއްލިއަކަށް އައި ބޮޑު ފެންބޮޑުވުމެއްގައި އަވަށްތައް ދޮވެވިގެން ގޮސް، މަގުތަކާއި، ފާލަންތަކާއި ކަރަންޓު އުފައްދާ ޕްރޮޖެކްޓުތަކަށް ބޮޑެތި ގެއްލުންތަކެއް ވެ، މިހާތަނަށް މަދުވެގެން 160 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ނޭޕާލް ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، ކާރިސާ ހިނގި ސަރަޙައްދުތަކުން މިހާތަނަށް 157 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ނުރައްކާ އޮތް ސަރަޙައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އޮފިސަރުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ނޭޕާލްގެ ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ހާދިސާގައި ޖުމްލަ 403 ފަތުރުވެރިން ގެއްލިފައިވާއިރު، އޭގެ ތެރޭގައި 341 ބޭރު ފަތުރުވެރިން ހިމެނެއެވެ. ގެއްލުނު ބޭރު މީހުންގެ ތެރޭގައި އިންޑިއާގެ 142 މީހުންނާއި، އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، މެލޭޝިއާ، ނެދަލަންޑްސް، ޕޯޗުގަލް، ސައުތު އެފްރިކާ އަދި ދެކުނު ކޮރެއާގެ ރައްޔިތުން ހިމެނެއެވެ.
ފުލުހުންގެ ތަރުޖަމާނު އަބީ ނާރަޔަން ކަފްލޭ ވިދާޅުވީ، ރެސްކިއު މަސައްކަތުގައި އުޅުނު 28 ފުލުހަކުވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.
މި ކާރިސާގެ އަސަރު ބޯޑަރު ހުރަސްކޮށް ޗައިނާގެ ޓިބެޓުގެ ގީރޮންގް ކައުންޓީއަށްވެސް ކޮށްފައިވާއިރު، އެ ސަރަޙައްދުން 3 މީހަކު މަރުވެ 265 މީހުން ގެއްލިފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި މުޅި ޤައުމު އެއްބައިވަންތަކަމާއެކު ސާބިތުވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ. ފެންބޮޑުވުމުގެ ސަބަބުން ފެންގަނޑު އުފުލިފައިވާ މިންވަރު މަތިކަމުން، ގާތްގަނޑަކަށް 50،000 މީހުންގެ އާބާދީއެއް އޮންނަ ރަސުވާ ޑިސްޓްރިކްޓްގެ ސިޔާޕްރު ބެސީ އަދި ޓިމޫރޭ ފަދަ ސަރަޙައްދުތަކަށް ހެލިކޮޕްޓަރު ޖެއްސުމަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.


%20(3).jpeg?w=3840&q=75)




