logoEN
Sto top
ތަފާތުބޮޑު ނަތީޖާއަކުން ކޯބްރާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވަލްހަލާ ސެމީ ފައިނަލަށް

ތަފާތުބޮޑު ނަތީޖާއަކުން ކޯބްރާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވަލްހަލާ ސެމީ ފައިނަލަށް

ހަސަން ޝަމްއޫން

logo

10/31/2024, 12:00:33 PM

# ދިވެހި ކުޅިވަރު # ގައްދޫ ކައުންސިލުން ފުޓްސަލް ޗެލެންޖު 2024

ވަލްހަލާ 69 އާއި ކޯބްރާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ޝުރާއު

މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ޖޫނިއަރ ފިރިހެން ޑިވިޝަން ގުރޫޕް ބީގައި މިއަދު ހަވީރު ވަލްހަލާ 69 އާއި ކޯބުރާ އެފްސީ ވާދަކުރި މެޗު ފަސޭހަކަމާއެކު 20-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވަލްހަލާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދައިފިއެވެ.

Wamco

މުބާރާތުގައި ކޯބުރާ ކުޅުނު ފުރަތަމަ މެޗުގައި 8 -1 ގެ ނަތީޖާއަކުން ގަސްދޮށު ސްޕޯޓްސް ކުލަބު އަތުން ބަލިވެފައިވާއިރު، ވަލްހަލާގެ ފުރަތަމަ މެޗުގައި ގަސްދޮށާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

ގައްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ވަލްހަލާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 8-0 ގެ ނަތީޖާއަކުން ވަލްހަލާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވަލްހަލާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު 12 ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ވަލްހަލާގެ މުސްހަބު ބުނި މުހައްމަދު އަދި ސާއިން ހަސަން މިއިން ކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަލީ ޝަހުމް ވަނީ ތިން ލަނޑު ކާމިޔާބޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ކީޕަރު އިބްރާހިމް ޒިދާން ޝިހާމް ދެ ލަނޑު ކާމިޔާބުކުރިއިރު، ރާއިން މުހައްމަދު އަދި މުހައްމަދު ޝަޔާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެޓީމުގެ އަނެއް ތިން ލަނޑަކީ ކޯބްރާގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ތިން ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަލްހަލާ 69 ގެސާއިން ހަސަން އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވަލްހަލާ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، މިގުރޫޕްގެ ދެވަނަ ހޯދީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދި ގަސްދޮށު ސްޕޯޓްސް ކުލަބެވެ. އަދި މިމެޗުން ބަލި ކޯބުރާ އެފްސީ އިން މުބާރާތް ނިންމާލީ ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.

މިއަހަރުގެ މުބާރާތުގެ ޖޫނިއަރ ފިރިހެން ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ހަޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ޓީމު ސެމީ ފައިނަލަށް ހޮވިފައިވާއިރު، ސެމީފައިނަލުގައި ގަސްދޮށުން ލަޔަންސް އާއި ވާދަކުރަންޖެހޭއިރު، ވަލްހަލާ 69 ނުކުންނާނީ ހޯންޑެއްދޫ ފުޓްބޯޅަ އެކަޑަމީއާއި ދެކޮޅަށެވެ.

25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside