







-
ދުނިޔެއަށް ކުރިމަތިވަމުން އަންނަ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ދޭ އެއްބާރުލުމަށާއި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފި އެވެ.
ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ހަމައެކަނި ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުމެއް ނޫން ކަމަށެވެ.
އަދި އެއީ ޖަޒީރާ ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖޭގެ ޤައުމީ ވުޖޫދާއި ދެމިއޮތުމާ ސީދާ ގުޅިފައިވާ މުހިންމު މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މި ދާއިރާއިން ޕާކިސްތާނުން ދޭ އެއްބާރުލުން ރާއްޖެއިން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި ދޭދޭ ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް ދެ ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްވަރާތަކުގެ އަލީގައި ދެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނޭ ފަދަ އައު އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.







