
.jpg?w=3840&q=75)


ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ އަހަރީ ވިޔަފާރީގެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފައި މުހިންމު މަޝްވަރާތަކެއް މިވަނީ ކޮށްފައެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ދެ ގައުމުގެ އިސް ވެރިންގެ މެދުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިހާރު ދެ ގައުމުގެ ދެމެދުގައި އަހަރަކު ކުރެވެނީ ގާތްގަނޑަކަށް 13 މިލިއަން ޑޮލަރުގެ ވިޔަފާރި ކަމަށްވާއިރު، އެ އަދަދަކީ ދެ ގައުމުގެ އިގްތިސާދީ ގާބިލުކަމާ އަޅާބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ދެ ގައުމުގެ ވެރިން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
މި ދަތުރުފުޅުގެ ހަވާސާގައި ބޭއްވުނު ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ބައިވެރިވެވަޑައިގެން، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ގާތްގަނޑަކަށް 300 އެއްހާ ވިޔަފާރިވެރިންނާއި މަންދޫބުން ބައިވެރިވި މި ފޯރަމްގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ދެ ގައުމުގެ އިސް ވެރިންގެ މަޝްވަރާތަކަށްފަހު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި 20 ފަހުމުނާމާއެއްގައި (އެމްއޯޔޫ) ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ އިތުރުން މަސްވެރިކަން، ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ވައިގެ ދަތުރުފަތުރު ހިމެނެއެވެ.
ޚާއްސަކޮށް ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމާއި، ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ހަލާލް ޓޫރިޒަމްގެ ދާއިރާއިން އެއްބާރުލުން ދިނުމަކީ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ހަލުވިވެގެންދާނެ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި މަޝްވަރާތަކުގައި ވަނީ ފާހަގަކޮށްފައެވެ.

.jpg?w=3840&q=75)
