








ޑީއެސްސީ އާއި ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގައުމީ ވޮލީ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ޑީއެސްސީ އަތުން ބަލިވެ ޕޮލިސް ކުލަބަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
ލީގުގައި ޕޮލިސް ކުލަބު އެންމެ ފަހުން ކުޅުނު މެޗުގައި ކުލަބު އެޗްޑީސީ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޑީއެސްސީ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން އެމްޓީސީސީ ބަލިކޮށްފައެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގައި ފުރަތަމަ ދެ ސެޓް ވާދަވެރި ކުޅުމަކަށްފަހު ޑީއެސްސީ އިން ކާމިޔާބުކުރީ 25-23 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ޕޮލިސް ކުލަބުގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ޑީއެސްސީ އިން ކާމިޔާބުކުރޫ ފަސޭހަކަމާއެކު 16-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ ހުސެއިން ރައްޒާން އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އެންމެ ފަހުގެ ޗެމްޕިއަން ޑީއެސްސީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޕޮލިސް ކުލަބުން ލީގު މެޗުތައް ނިންމާލީ ކުޅުނު ހަތަރު މެޗުން ހޯދި އަށް ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮވެއެވެ.
15 އޮކްޓޯބަރު 2026 އިން 21 އިކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ ޤައުމީ ވޮލީ ލީގު ފިރިހެން ޑިވިޝަނުގައި ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، ލީގެ ގަދަ ހަތަރު ޓީމަށް ގައުމީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ. އަދި ޕޮލިސް ކުލަބާއި ޑީއެސްސީ އިން ވެސް މިހާރު ވަނީ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.








