







ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށާއި، ޞިއްޙީ ޚިދުމަތްތެރިން ފޯރުކޮށްދިނުމުގައި ޕާކިސްތާނުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ވަރުގަދަކުރާނެ ކަމުގެ ޔަޤީންކަން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ޕާކިސްތާނުގެ އެކި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުން ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުން އާދެއެވެ.
އަދި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ޕާކިސްތާނުގެ 250 ޑޮކްޓަރުންނާއި ޕެރާމެޑިކުން މިހާރުވެސް ޚިދުމަތް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ، ރާއްޖެއިން ބޭނުންވާ މިންވަރަކަށް ކުރިއަށް އޮތް ތަނުގައިވެސް ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިން ފޯރުކޮށްދިނުމަށާއި، މި ޢަދަދުތައް އިތުރުކުރުމަށް ޕާކިސްތާނު އޮތީ އިޚްލާޞްތެރިކަމާއެކު ތައްޔާރަށެވެ.
މީގެއިތުރުން، ޞިއްޙީ ދާއިރާގެ އިތުރުން ދިފާޢީ، ފުލުހުންގެ އަދި ތަޢުލީމީ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަށް ޕާކިސްތާނުން ފުރިހަމަ އެހީތެރިކަން ދެމުންގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.







