



.jpg?w=3840&q=75)




ޑީއެސްސީ އާއި އެމްޓީސީސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގައުމީ ވޮލީ ލީގުގައި މިރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު 3-1 ގެ ނަތީޖާއަކުން އެމްޓީސީސީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޑީއެސްސީ އިން ބާކީ ދެމެޗު އޮއްވައި، ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މުބާތުގައި ޑީއެސްސީ ކުޅުނު ފުރަތަމަ މެޗުގަައި ސީދާ ތިން ސެޓުން ލަޔަންސް ބަލިކޮށްފައިވާއިރު، ލީގުގައި އެމްޓީސީސީ ކުޅުނު ފުރަތަމަ ދެމެޗުގައި ޕޮލިސް އަދި އެޗްޑީސީ އަތުން ވެސް ސީދާ ތިން ސެޓުން އެޓީމު ވަނީ ބަލިވެފައެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގައި ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ޑީއެސްސީ ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްޓީސީސީ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު ޑީއެސްސީ އިން ކުޅުން ރަނގަޅުކުރިއިރު، ޖެހިގެން އައި ދެ ސެޓް 18-25 އަދި 19-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޑީއެސްސީ އިން ވަނީ މެޗުން މޮޅުވެ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ ޕާކިސްތާން ކުޅުންތެރިޔާ ފަހުދު ރަޒާއެެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ޑީއެސްސީ އޮތްއިރު، ބާކީ ދެމެޗު އޮއްވައި އެޓީމަށް ވަނީ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި މިމެޗުން ބަލިވި އެމްޓީސީސީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
15 އޮކްޓޯބަރު 2026 އިން 21 އިކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ ޤައުމީ ވޮލީ ލީގު ފިރިހެން ޑިވިޝަނުގައި ޖުމްލަ ފަސް ޓީމަކުން އަންނީ ވާދަކުރަމުން ނެވެ.








.jpg?w=3840&q=75)