



.jpeg?w=3840&q=75)
.jpg?w=3840&q=75)



-
މެދުއިރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހަމަނުޖެހުންތަކާއި ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަޙައްދަށް ޞުލްޙަ މަސަލަސްކަން ގެނައުމަށްޓަކައި ޕާކިސްތާނު ސަރުކާރުން ކުރަމުން އަންނަ ސިޔާސީ އަދި ޑިޕްލޮމެޓިކް މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުރީފު ކުރައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިކަން ފާހަގަކުރެއްވީ، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައެވެ.
ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތައް ހަނގުރާމައިގެ ބަދަލުގައި ޑިޕްލޮމެޓިކް މަޝްވަރާގެ އުޞޫލުން ޙައްލުކުރުމަށާއި، ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ޕާކިސްތާނުން އަދާކުރާ އިސް ދައުރު ރާއްޖެއިން ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށްޓަކައި ދިވެހިރާއްޖެއިން އަބަދުވެސް ޕާކިސްތާނާއެކު ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އަދި އަނިޔާވެރިކަމާ ކުރިމަތިލަމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމުގައި ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ފާހަގަކުރައްވައި، މެދުއިރުމައްޗަށް ދާއިމީ ޞުލްޙައެއް ގެނެވޭނީ ޢަދުލުވެރި ނިޒާމެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަޙުގައި ޕާކިސްތާނަކީ ޒަމާނުއްސުރެ އިސްލާމީ އުއްމަތުގެ މަޞްލަޙަތު ދިފާޢުކުރުމުގައި އިސް ސަފުގައި ޙަރަކާތްތެރިވާ ޤައުމެކެވެ. ވަކިން ޚާއްޞަކޮށް، އދ. އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް އެ ޤައުމުން އަބަދުވެސް ވަކާލާތު ކުރެއެވެ. މީގެއިތުރުން، ޣައްޒާއާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ޞިއްޙީ ސާމާނު ހިމެނޭހެން ބޮޑެތި އެހީގެ ކޮންވޯއިތައް ފޮނުވުމުގައާއި، ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އޮންނަ ޚިޔާލުތަފާތުވުންތައް ކުޑަކޮށް، ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ބޮޑެތި ޤައުމުތަކާއެކު ގުޅިގެން ޑިޕްލޮމެޓިކް މަސައްކަތްތައް ކުރުމުގައި ޕާކިސްތާނުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.




.jpeg?w=3840&q=75)


.jpeg?w=3840&q=75)
