
-
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ކަނޑައެޅި އަމާޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރިހަމައަށް ތާއީދުކުރައްވައި، އެކަން ބަލައިގެންފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މި ތާރީޚީ ދަނޑިވަޅުގައި އިސްލާމްއާބާދަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކަކީ ނުހަނު ކާމިޔާބު އަދި އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށާއި، ބަދަލުކުރެވުނު 20 ފަހުމުނާމާގެ ސަބަބުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އައު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސާކް (SAARC) ގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިރާއްޖެއިން ހަރަކާތްތެރި އަދި އިސް ދައުރެއް އަދާކުރުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމުން ވިޔަފާރިއާއި ފަތުރުވެރިކަމަށް އައު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށާއި، ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް ދެ ޤައުމުންވެސް އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި އަނިޔާވެރިކަމާ ކުރިމަތިލަމުންދާ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.














