





.jpeg?w=3840&q=75)


Fe8mv0UUYAEJKu0
ސަރުކާރުން ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓަޖީގެ އަމާޒުތައް ހާސިލް ކުރުމަށް ކޮންމެހެން ވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ޓީޖީއެސްޓީން މި ވަގުތު ނަގަމުން އަންނަނީ 12 އިންސައްތައެވެ. އަދި ޖީއެސްޓީ އަށް ނަގަމުން އަންނަނީ ހަ އިންސައްތައެވެ. ސަރުކާރުން ބޭނުންވަނީ ޓީޖީއެސްޓީ 16 އިންސައްތަ އަށް ބޮޑުކޮށް، ޖީއެސްޓީ އަށް އިންސައްތަ އަށް ބޮޑު ކުރާށެވެ. މި ބަދަލު ގެންނަން ބޭނުން ވަނީ އަންނަ ޖެނުއަރީން ފެށިގެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ސަރުކާރަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަކީ ފިސްކަލް ސްޓްރެޓަޖީގެ އަމާޒު ކަމަށެވެ. އަދި ރާއްޖެ ކަހަލަ ކުޑަ، ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކަށް ބަލާ އިރު، އެ ގައުމުތަކުގެ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ރޭޓްތަކާއި ރާއްޖޭގެ ރޭޓްތަކާ އަޅާ ބަލާ އިރު ވަރަށް ބޮޑު ތަން ދަށް ކަމަށެވެ. ޓީޖީއެސްޓީގެ ރޭޓް %18 ނުވަތަ އެއަށް ވުރެ މަތިން ނަގާ ގައުމުތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެހެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު އަރުވަމުން އަމީރު ވިދާޅުވީ ޖީއެސްޓީ ބޮޑު ކުރަނީ ސަރުކާރުގެ ހަރަދުތައް ވެސް ކުޑަކޮށްގެން ކަމަށެވެ. ފިސްކަލް ސްޓްރެޓަޖީގައި ހަރަދު ކުޑަ ކުރާނެ ގޮތާއި ހަރަދު ކުޑަ ކުރަން ބޭނުންވާ ކަންކަން ހުށަހަޅާފައި ވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.








