
.png?w=3840&q=75)





އީގަލް ހިލްސްގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސް ވުމުގެ އެންމެހައި ތަފްސީލްތައް ހާމަކުރުމަށް ގޮވާލައި، މިގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މި ގަރާރު ހުށަހަޅުއްވަމުން މީކާއީލް ވިދާާޅުވީ، މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމެންޓާ ގުޅިގެން، އެ މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އުސޫލުތައް އެކުލަވައިލާނެ ކަަމަށް ބަޔާންކޮށް އެއްބަސްވުމުގެ ތަފްސީލްތައް ސަރުކާރުން ސިއްރު ކުރަމުންދާ ކަމަށެވެ. އަދި ރަސްމާލެއަކީ ރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލު ކަމަށްވާއިރު، މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އިއުލާނުކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު ވެސް ގިނަ ތަފްސީލްތައް ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރާއި އޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލްތައް ހާމަކޮށްފައި ނުވުމާއި ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަަށްފަހު، އެ ބިން ހިއްކުމަށްދިޔަ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން ހިމެނެއެވެ. އަދި ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދީފައި އޮތުމާއި އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް، އެއްބަސްވުން އެކުލަވާލާފައި އޮތުމަކީ ކަންބޮޑުވުމެއްކަމުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ (ރޯލިން ލީސް އިންޓްރެސްޓް އުފެއްދުމުގެ) ހައްގު އީގަލް ހިލްސް އަށް ލިބިގެންދާގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުމާއި މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ، ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހި ވެދާނެ ކަމަކަށްވުން މީކާއީލް ފާހަގަކުރެއްވިއެވެ.
މީކާއީލް ވިދާޅުވީ، ރަސްމާލެއަކީ ބޭރުގެ އެއްވެސް ފަރާތަކަށް އެންމެ ދުވަހަކަށްވެސް ކުއްޔަށް ދޭނެ ނުވަތަ ހިލޭ ދޭނެ ތަނެއްނޫންކަމަށް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވެފައިވާ ކަމަށާއި އެހެންނަމަވެސް ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ކުއްޔަށްދޭން އެއްބަސްވެފައިވާ ކަަމަށެވެ.

.png?w=3840&q=75)


.jpg?w=3840&q=75)

