
DSC_1559
ސްކޫލުތަކުގައި އެކި މުނާސަބާތައް ފާހަގަކުރުމަށް ކުރާ ޚަރަދުތައް ކުޑަކުދުމަށް އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އަދި މި ގޮތަށް ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ ސްކޫލްތަކުގެ ޕީޓީއޭ މެދުވެރިކޮށާއި އެކި ފަރާތްތަކުން ހިލޭ އެހީ އާއި ސްޕޮންސަރުގެ ގޮތުގައި ހޯދާކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.
އެފަދަ ކަންކަމަށް ހޭދަކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދުމާއި ބެެލެނިވެރިން ލައްވައި ބޮޑެތި ހޭދަތައް ކުރުވުމަކީ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫންކަމަށާއި އެ ކަންކަން އެ ގޮތަށް ކުރުމުގެ ސަބަބުން މިނިސްޓްރީއަށް ޝަކުވާ ލިބެމުންދާ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.
ސްކޫލްތަކުން ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެ ކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތަަކަށް ހެދުމާއި ބެލެނިވެރިން ދަރިވަރުންނަށް ޓަކައި ކުރާ ކޮންމެ ހޭދައަކީ އެ ކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މި މިނިސްޓްރީން އަބަދުވެސް ބާރު އަޅަމެވެ. --- އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީ
މީގެ އިތުރުން، ހޭދަތައް ކުރުމުގައި އިގްތިސާދުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ބާރުއަޅައި ހިތްވަރު ދޭން ޖެހޭ ކަމަށާއި މުޅި ދުނިޔެ އިގްތިސާދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް މިފަދަ ދުވަސްވަރެއްގައި ހަރަދު ކުޑަ ކުރުމާއި އިސްރާފުކުރުން މަދުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދީ ހިތްވަރު ދިނުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެ ކަމަށް އެ ސިޓީގައި ވެ އެވެ. އެހެންކަމުން ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާތައް ބަދަލުކުރުމާއި އެކިއެކި ހަފްލާތައް ބޭއްވުމަށް ބޮޑެތި ހޭދަތައް ނުކުރުމަކީ މިނިސްޓްރީގެ އިލްތިމާސެއް ކަމަށް ވިދާޅުވެފައި ވެ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ މި ގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކްލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅާކިޔުމާއި ދޭދޭ ސްކޫލްތަކުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން ސްކޫލްތައް އަޅާކިޔުމަށް މަގުފަހިވާ ކަމަށެވެ. އަދި ސްކޫލް ތެރޭގައި ދަރިވަރުން ދަރަޖަކުރެވި ލޭބަލް ކުރުމަށް މަގުފަހިވުމާއި މުޖުތަމައު ތެރޭގައި ތައުލީމީ ނިޒާމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަގުފަހިވާ ކަަމަށް ވިދާޅުވެފައިވެ އެވެ.










%20(1).jpeg?w=3840&q=75)

