





ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު އިލްމީ ފަންނުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ވާ ގުރުބާނީގެ އަގުވަޒަންކުރުމަކީ މުހިންމުކަމެއްކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މުދައްރިސުންގެ ދުވަހާއި ގުޅިގެން ވަޒީރު ދެއްވި ޚިޠާބުގައި ވަނީ މުދައްރިސްކަމުގެ ފަންނު ކުރިއެރުވުމަށް ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މުޖުތަމައުގެ ކޮންމެ މީހެއްގެވެސް އަޒުމަކަށްވާންވީ މުދައްރިސުކަމުގެ ފަންނު ހިމާޔަތްކުރުމަކީ އެ ފަންނުގެ ގަދަރު ހިފެހެއްޓުމަށް މުދައްރިސުންނާއެކު ސާބިތުވެ ތިބުންކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެ ސާބިތުކަމުގެ މަތީގައި ތިބެ، ސްކޫލުތަކުގައި ދެވޭ ތައުލީމާއި ތަރުބިއްޔަތު އިތުރަށް ހަރުދަނާކުރުމުގެ އަޒުމު އާކޮށް، އެންމެން ގުޅިގެން އެ މަގުގައި ކުރާ މަސައްކަތް އިތުރުކުރުމަށް ވަޒީރު އެދިވަޑައިގެންނެވި އެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ މުޖުތަމައުގައި މުދައްރިސުންނަށް ލިބިދޭން ޖެހޭ ގަދަރާއި އިހްތިރާމު މަތިކޮށް، މުދައްރިސްކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ."މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، މުދައްރިސުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި، އުފާވެރި ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި މި މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި މިނިސްޓްރީއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން." ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މުދައްރިސުންނަކީ ޝަރަފާއި، އިއްޒަތާއިއެކު ޤައުމީ ވަރަށް ބޮޑު ވާޖިބެއް އަދާކުރާ ބައެއް ކަމަށެވެ. އެގޮތުން ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ފަރާތަކީ މުދައްރިސުންކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެހެންކަމުން މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގައި ޚާއްސަ ޝަރަފަކާއި ޤަދަރެއް ދެވިފައިވާ ބަޔަކަށް ހެދުމަށް އެދިވަޑައިގަންނަވާފަ އެވެ.
މުދައްރިސުންނާއި ގުޅިގެން ވަޒީރު ވަނީ ބެލެނިވެރިންނަށްވެސް ނަސޭހަތެއް ދެއްވާފަ އެވެ. އެއީ މުދައްރިސްކަމަކީ މާތް މަތިވެރި މަސައްކަތެއްކަމުގައި ބަލައިގަނެ، އެފަންނަށް ދޭންވާ ހައްޤު ޝަރަފު ދިނުމަށްޓަކައި މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް ބެލެނިވެރިންނަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފަ އެވެ."ދަރިވަރުންގެ އުނގެނުމުގެ ހައްގު ހިމާޔަތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ މުދައްރިސުން ކަމާމެދު ޝައްކެއް ނެތް. އެހެންކަމުން މުދައްރިސުންނަކީ އެބޭފުޅުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި، ހުނަރާއި މަސައްކަތުގެ އަޚުލާގު ލިބިފައިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއް." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ޚިޠާބުގައި ވަޒީރު ވަނީ މުދައްރިސުންނަށްވެސް ނަސޭހަތްދެއްވާފަ އެވެ. އެގޮތުން ކޮންމެ މުދައްރިސެއްގެ ވެސް އަޒުމަކަށްވާންވާނީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން، ދަރިވަރުންގެ ހިތްތަކުގައި އުނގެނުމަށް ލޯބިޖައްސުވާ، ދިރުއުޅުމަށް ތައްޔާރުވެފައިވާ، ޒިންމާދާރު، އަހުލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާ ކުރުމަށް މަސައްކަތްކުރުން ކަމަށް ހެދުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެފަ އެވެ. އެކަމަށްޓަކައިި އަމިއްލަ ފަންނީ ކުރިއެރުމަށް މަސައްކަތްކުރާ، ޓެކްނޮލޮޖީ އާއި ޒަމާނީ ބަދަލުތަކަށް އަހުލުވެރި އަދި އުނގަންނައި ދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަބަދުވެސް ތައްޔާރަށް ހުންނަ މުދައްރިސަކަށް ވުމަށް ވަޒީރު އިލްތިމާސްކުރެއްވި އެވެ.ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެމުން މުދައްރިސްކަމުގެ ފަންނު ޙިމާޔަތްކުރެވި، މުދައްރިސުންގެ ޤަދަރު އުފުލިގެންދާ މާޙައުލެއްގައި، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލު އުޖާލާވެގެން ދިއުމަށް ވަޒީރު ވަނީ ދުޢާ ދަންނަވާފަ އެވެ.




