







މިނިސްޓަރު ސައީދު- ފޮޓޯ: ރައީސް އޮފީސް
މާލޭގައި ތަރައްގީކުރާ ޕާކިންގް ބިލްޑިންގްތަކުގެ މަސައްކަތް މި އަންނަ އަހަރުގެ ނޮވެންބަރަށް ނިންމާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކިންގް މައްސަލަ ހައްލުކުރުމުގެ ގޮތުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ހީނާމާގެ ޕާކިންގް ބިލްޑިން އެޅުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކޮންޑްރެކްޓަރާއެކު އެކަމުގެ އެންމެ ފަހުގެ މަރުހަލާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި މި ތަނުގެ އިތުރުން އެހެން ޕާކިންގް ބިލްޑިންގެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސޯސަންމަގުގައި ޔުނިވާސިޓީއާއި ޖެހިގެން އޮތް ބިމުގައިވެސް ޕާކިންގް ބިލްޑިންގެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ސޯސަންމަގުގައި ޔުނިވާސިޓީއާއި ޖެހިގެން އޮތް ބިމުގައިވެސް ޕާކިންގް ބިލްޑިންގްއެއް އެޅުމަށް ވަނީ ނިންމާފައި. އިއްޔެ ދެން އަޅުގަނޑުމެންނަށް މިވަނީ މިކަމުގެ އެންމެ ފައިނަލް މަރުހަލާތައް ނިމި، އިންތިޒާރު މިކުރަނީ މާ ގިނަ ދުވަހެއްނުވެ ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިގެންދާނެ ކަމަށް. ޓާގެޓަކީ ދެ ބިލްޑިންގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމާލުން" މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މާލޭގެ ހަނިމަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް ޕާކު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހެދުމަށް މިހާރު މަސައްކަތްކުރަމުންދާއިރު، 4 މަގަކަށް ބަދަލު ގެނައުމަށްޓަކައި މަގުތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަގުތައް ކުރަހާނީ އެކަމުގެ ދިރާސާތައްކުރުމަށްފަހު، އެކަމަށް އާންމުންގެ ބަހެއްވެސް ހޯދުމަށްފަހުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.






.jpg?w=3840&q=75)
.jpg?w=3840&q=75)