
.jpeg?w=3840&q=75)







-
މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ދުއްވަމުންދިޔަ ވެހިކަލްތަކުގެ އަޑު ގުގުމަމުންދިޔަ ނަމަވެސް، ޒަޔާންގެ ދުނިޔެ ވަނީ މުޅިން ހިމޭންވެފައެވެ. ރިސޯޓުން އެނބުރި އައިތާ ދެ ހަފުތާ ވެގެން ދިޔައިރު، އޭނާގެ ދިރިއުޅުން ވަނީ މަސައްކަތާއި ކޮޓަރިއާ ދެމެދުގައި ތާށިވެފައެވެ.
ސީޕްލޭން ދުއްވަން އުޑުމައްޗަށް އަރާ ކޮންމެ ފަހަރަކު، ތިރީގައިވާ ނޫވިލުތަކަށް ބަލާލުމުން އޭނާގެ ހަނދާނަށް އަންނަނީ ޔާނާގެ ހިނިތުންވުމެވެ. އެނބުރި މާލެ ފައިބައި، ހޮސްޕިޓަލް ކައިރިން ލާފައި ދާ ކޮންމެ ފަހަރަކު ހިތް ކުދިކުދިވަނީ އާލިޔާގެ ހަނދާންތަކުންނެވެ. އާލިޔާ އޭނާގެ ނަންބަރު ބްލޮކްކޮށް، އޮފީހުންވެސް ޗުއްޓީއެއް ނަގައިގެން މާލެއިން ބޭރަށް ދިޔަ ޚަބަރު އޭނާއަށް ދިނީ ޢާއިދެވެ. ޒަޔާން ދިރިއުޅެމުންދިޔައީ އަމިއްލަ ނަފްސަށް ކުރެވޭ ކުށްވެރިކަމުގެ ތެރޭގައިއެވެ.
އާދައިގެ މަތިން ޑިއުޓީ ނިންމާލުމަށްފަހު، ޒަޔާން ދިޔައީ އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ ކުޑަ، ހަމަހިމޭން ކެފޭއަކަށެވެ. ބޯ ވިލާތަކުން އުޑުމަތި ބަނަކޮށްލާފައި އޮތްއިރު، ޖެހެމުންދިޔަ ފިނި ރޯޅިން އޭނާއަށް ހަނދާންކޮށްދިނީ އެންމެ ފުރަތަމަ ރިސޯޓުން ޔާނާއާ ދިމާވި ވިއްސާރަ ރެއެވެ. ޒަޔާން ހޫނު ކޮފީ ތަށްޓަށް ބަލަހައްޓައިގެން، ފުން ޚިޔާލަކަށް ގެއްލިފައި އިނެވެ.
"މި ގޮނޑީގައި މީހަކު އެބައިންތަ؟"
އިވުނު އަޑާއެކު ޒަޔާންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ ދުވަހަކުވެސް އޭނާގެ ހަނދާނުން ނުފިލާނެ އަޑެކެވެ.
ޒަޔާން ކުއްލިއަކަށް އިސްއުފުލައި ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި ހުރީ ޔާނާއެވެ. އޭނާގެ ކޮނޑުގައި ކެމެރާ ދަބަހެއް އަޅުވާފައި އޮތްއިރު، ތުންފަތްމަތީގައި ވަނީ ފަނޑު، ނަމަވެސް އޯގާތެރި ހިނިތުންވުމެކެވެ.
"ޔާނާ؟" ޒަޔާން ތެދުވެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. "މި.. މިތަނުގައި ކީއްކުރަނީ؟"
ޔާނާ މަޑުމައިތިރިކަމާއެކު ޒަޔާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
"އަހަރެން ރިސޯޓުގެ ވަޒީފާ ދޫކޮށްލައިފިން،" ޔާނާ ބުންޏެވެ. "އެތަނުގައި ހުރެގެން ކޮންމެ ދުވަހަކު ޖެޓީއަށް ބަލާލުމުން އަހަންނަށް ސިފަވަނީ އެ ހިތާމަވެރި ހަވީރު. އަދި އަހަންނަށް ވިސްނުނީ... ހުރިހާ ކަމެއް ހަނދާން ނައްތާލައިގެން ރިސޯޓުގައި ހުއްޓަކަސް އަހަރެންގެ ހިތް ހަމައެއް ނުޖެހޭނެކަން."
ޒަޔާން ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ. "ޔާނާ، އަހަރެން ބުނީމެއްނުން އަހަންނަކަށް އަދިވެސް ނޭނގެއޭ ކަންތައްކުރާނެ ގޮތެއް."
"އިނގެއޭ،" ޔާނާ ޒަޔާންގެ ދެލޮލަށް ސީދާ ބަލައިލިއެވެ. "އަހަރެން މާލެ މިއައީ ޒަޔާންގެ ކިބައިން ލޯތްބެއް ހޯދާކަށް ނޫން. އަހަރެން މިއައީ ޒަޔާންއާއެކު މި ހިތްދަތިކަން ހިއްސާކުރަން. ޒަޔާން ތި ހުރި ހާލުގައި އެކަނި ދޫކޮށްލާފައި ދާން އަހަރެންގެ ޒަމީރު އެއްބަސްނުވީމާ. އަހަރެމެން ދެމީހުންގެ ދެމެދުގައި އުފެދުނު އިހުސާސަކީ ދޮގެއް ނޫންކަން އަހަންނަށް އެނގޭތީ."
ޒަޔާން ފުން ނޭވާއެއްލިއެވެ. ޔާނާގެ މި ހިތްވަރާއި ތެދުވެރިކަމުން، ޒަޔާންގެ ހިތުތެރޭގައި ވިރެމުންދިޔަ އަނދިރިކަމުގެ ތެރެއިން ކުޑަ އުންމީދުގެ އަލިކޮޅެއް ފެނުނު ފަދައެވެ. ނަމަވެސް، އޭނާގެ ހިތުގައި އަދިވެސް އޮތް ބިރުވެރިކަމަކީ އާލިޔާއަށް ވީ ބޭވަފާތެރިކަމުގެ ބަދަލު އަނެއްކާވެސް އެހެން ގޮތަކުން ލިބިދާނެ ކަމުގެ ބިރެވެ.
"ދެން ކިހިނެއް ހަދާނީ؟" ޒަޔާން މަޑުމައިތިރިކަމާއެކު އަހައިލިއެވެ.
"ފުރަތަމަ ފިޔަވަޅަކީ އެކުވެރިންގެ ގޮތުގައި ފެށުން،" ޔާނާ ހިނިތުންވެލިއެވެ. "ވަގުތު ދީގެން، ހިތުގެ ޒަޚަމްތައް ފަސޭހަވަންދެން މަޑުކުރުން. މަންޒިލަށް ވާސިލުވާން ކޮންމެހެން އަވަސްއަރުވާލާކަށް ނުޖެހޭނެ."
މާލެއަށް ކުދިކުދިކޮށް ވާރޭ ވެހެން ފެށިއެވެ. ނަމަވެސް މިފަހަރު އެ ވާރޭގެ ތެރޭގައި ޒަޔާން އިނީ އެކަންޏެއް ނޫނެވެ.

.jpeg?w=3840&q=75)


