
ވަތަނީ ހިދުމަތުގެ 4 ވަނަ ބެޗް އަސާސީ ތަމްރީނަށް ފުރުން- ފޮޓޯ: ޕީއެސްއެމް
ވަތަނީ ހިދުމަތުގެ 4 ވަނަ ބެޗުގެ އަސާސީ ތަމްރީނު ފެށުމަށްޓަކައި، 351 ޒުވާނުން މިއަދު ފުރައިފި އެވެ.
މި ޓްރެއިންގް ކުރިއަށްގެންދަނީ ޅ.މާފިލާފުށީގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓެރޭނިންގް ސެންޓަރުގަ އެވެ.
މި ތަމްރީނު 14 ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ 20 އަތޮޅަކުން 126 ރަށަކަށް ނިސްބަތްވާ 287 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ބައިވެރިވެފައިވެ އެވެ.
މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ލޭންގުއޭޖް ޕްރޮފިޝަންސީއާއި، ލީޑަރޝިޕާއި، އިސްލާމިކް ސްޓަޑީސްއާއި، ފިޒިކަލް ޓްރޭނިންގއާއި، ވޯޓަރމަންޝިޕާއި، ޑްރިލްއާއި، ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގއާއި، ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް އުނގަންނައިދެ އެވެ. އަދި މި މާއްދާތައް ކިޔަވައިދީފައި ވަނީ ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ ވުޒާރާތަކުގެ ފަންނީ މާހިރުންނެވެ.
ތަމްރީނު މުއްދަތުގެ ތެރޭގައި ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދެ އެވެ. ގައުމިއްޔަތާއި ޒިންމާދާރު އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި 16-28 އަހަރާ ދެމެދުގެ މީހުންނަށް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަކުރުމެވެ.











