
.jpeg?w=3840&q=75)







ހަންސަލް މެހެތާ ޑައިރެކްޓްކުރާ އާ ޕްރައިމް ވީޑިއޯ ސީރީޒްގައި ސަނީ ކޯޝަލް، ބިޕާޝާ ބާސޫ އަދި ވިޝާލް ޖޭތުވާ ފެނިގެންދާނެ
މަޝްހޫރު ޑައިރެކްޓަރ ހަންސަލް މެހެތާ ޑައިރެކްޓްކުރާ އެމެޒޯން ޕްރައިމް ވީޑިއޯގެ އާ އޮރިޖިނަލް ސީރީޒްގެ ޝޫޓިންގ ފަށައިފިއެވެ.
އަދި ނަމެއް ދީފައިނުވާ މި ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރ ސަނީ ކޯޝަލް، މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ އަދި ޒުވާން އެކްޓަރ ވިޝާލް ޖޭތުވާއެވެ.
މި ކްރައިމް ތްރިލަރ ސީރީޒްގެ ވާހަކަ ބިނާކޮށްފައިވަނީ ހެރޮއިންގެ ވިޔަފާރީގެ މައި މަރުކަޒަކަށް ވާން އުޅޭ ކުޑަ އަވަށެއްގެ މައްޗަށެވެ.
މި ސީރީޒްގައި ސަނީ ކޯޝަލް ފެނިގެންދާނީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ތެދުވެރި ފުލުހެއްގެ ރޯލުންނެވެ. އޭނާގެ މަސައްކަތުގައި ކުރިމަތިވާ ނުރައްކާތެރި ގޮންޖެހުންތަކާއި، ނުފޫޒުގަދަ ފަރާތްތަކާ ކުރިމަތިލާ ގޮތް މި ސީރީޒްއިން ފެނިގެންދާނެއެވެ.
އަލްމައިޓީ މޯޝަން ޕިކްޗާސްގެ ފަރާތުން ޕްރަބްލީން ސަންދޫ ޕްރޮޑިއުސްކުރާ މި ސީރީޒް ލިޔެފައިވަނީ ކަޝްޔަޕް ކަޕޫރު އަދި ރާގަވް ރާޖް ކައްކަރް އެވެ.
ސީރީޒްއަށް ކިޔާނެ ނަމަކާއި ރިލީޒްކުރާނެ ތާރީޚެއް އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް، ޝޫޓިންގ ފެށުމާއެކު ސީރީޒްއަށް ކުރެވޭ އިންތިޒާރު ވަނީ ބޮޑުވެފައެވެ.

.jpeg?w=3840&q=75)


