.png?w=3840&q=75)





.jpeg?w=3840&q=75)


zf8hlHTVmJjfRpsnpzg6tQUflChHUPlCI97NJ0Zh
ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމުން, މައްސަލަތައް ބަލައިގަންނަން ފަށައިފި އެވެ.
ކްރިމިނަލް ކޯޓުން އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ފަށާފައިވާ ކަން ފާހަގަކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެކަމަކީ ތާރީހީ ކަމެއް ކަމަށެވެ.
ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފޮނުވި މައްސަލައެއް ކްރިމިނަލް ކޯޓުން ބަލައިގެންފައިވަނީ އިއްޔެ އެވެ. މީގެކުރިން މައްސަލަތައް ހުށަހަޅަމުން ދިޔައީ ހުރިހާ ލިޔެކިޔުންތަކެއް ކޯޓަށް ގެންގޮސްގެންނެވެ. އޭގެ ސަބަބުން ގިނަ ވަގުތާއި ވަސީލަތްތައް ބޭކާރުވެގެންދާކަން ޕީޖީ ގެންދެވީ ފާހަގަ ކުރައްވަމުންނެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ފުލުހުން ޕީޖީ އަށް މައްސަލަތައް ފޮނުވަނީ އޮންލައިންކޮށެވެ. އަދި ފުލުހުން ޕީޖީ އޮފީހުގެ މަޝްވަރާއެއް ބޭނުންވި ނަމަވެސް މުއާމަލާތްތައް ކުރެވެނީ އޮންލައިން ނިޒާމެއްގެ ތެރެއިންނެވެ.
ފުލުހުންނާއެކު އޮތް ފަދަ ގުޅުމެއް، ޝަރްޢީ ކޯޓުތަކާއެކުވެސް އުފެއްދޭތޯ ވަރަށް މަސައްކަތް ކުރެވިފައިވާކަމަށް ޕީޖީ ޝަމީމް ފާހަގަކުރެއްވި އެވެ. އެގޮތުން، ކޮވިޑުގެ ދުވަސްވަރު މައްސަލަ ހުށަހެޅުން އަވަސް ކުރުމަށްޓަކައި، ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޝްވަރާތަކުގެ ތެރެއިން، ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ އޭޕީއައި އަކުން ކޯޓާ ގުޅާލެވިފައިވާކަން ޕީޖީ ފާހަގަކުރެއްވި އެވެ.
އެގޮތުން އެލިންކު މެދުވެރިކޮށް، ޕީޖީ އޮފީހުން މައްސަލައެއް އަޕްލޯޑް ކުރުމުން، ކޯޓުން އެމައްސަލައިގެ ލިޔުންތައް ބަލައިގަނެވެއެވެ. މިކަން، މީގެ ހަތް މަސްދުވަސް ކުރިން އޮތީ ނިމި ޓެސްޓް ވެސް ކުރެވިފައި ވީނަމަވެސް، މިނިޒާމް އިއްޔެ ބޭނުން ކުރަން ފެށީ އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކްރިމިނަލް ކޯޓަށް އެންގުމުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތައް ފާސްކޮށްގެންނެވެ.
ޕީޖީ ވިދާޅުވީ، މިބަދަލާއެކު ބޮޑެތި މައްސަލަތައްވެސް އަވަހަށް ފޮނުވާލެވި، ކޯޓުގެ އިދާރީ މުވައްޒަފުންނަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
"މިބަދަލާއެކު، ބޮޑެތި ފައިލްތައްވެސް، ސިކުންތު ކޮޅެއްގެ ތެރޭގައި ފޮނުވޭނެ. ޕީޖީ އޮފީހުން މައްސަލަ ފޮނުވާނެތީ، ކޯޓުގެ އިދާރީ މުވައްޒަފުން އޮފީސް ބަންދުނުކޮށް ތިއްބަވާކަށްވެސް ޖެހިވަޑައެއް ނުގަންނަވާނެ. މައްސަލަ ފޮނުވާ ދުވަހާއި ބަލައިގަތް ދުވަހާއި ވަގުތު، ލޮގް ކުރެވި، ބެލެން ހުންނާނެ. މައްސަލަ ހުށަހެޅި ގޮތުގެ ތަރުތީބާބެހޭ ގޮތުން އެއްވެސް ސުވާލެއް ނުއުފެދޭނެ." ޝަމީމް ލިޔުއްވާފައިވެއެވެ.
ޝަމީމް ވިދާޅުވީ އޭނާގެ އުއްމީދަކީ ހުރިހާ ކޯޓުތަކަށްވެސް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖެހިގެން ދިއުމެވެ.
.png?w=3840&q=75)



