ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތަފާސްހިސާބު އާންމުކޮށްފިއެވެ.
މި ތަފާސްހިސާބުން ދައްކާގޮތުގައި ޖުމްލަ 256 މައްސަލައެއް އެ އޮފީހަށް ބަލައިގަނެ، އެކި މައްސަލަތަކާ ގުޅިގެން ކޯޓުތަކުގައި ބޭއްވި 1192 އަޑުއެހުމަކަށް އެ އޮފީހުގެ ވަކީލުން ވަނީ ހާޒިރުވެފައެވެ.
އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުން، ތަހުގީގީ އިދާރާތަކުން ހުށަހެޅި މައްސަލަތަކާއި ހިނގަމުންދިޔަ ތަހުގީގުތަކާ ގުޅިގެން 678 ފަހަރެއްގެ މަތިން ވަނީ ގާނޫނީ ލަފާ ފޯރުކޮށްދީފައެވެ. މިއީ ތަހުގީގުތައް ފުރިހަމަކޮށް، ދައުވާ އުފުލުމަށް ބޭނުންވާ ގާނޫނީ މިންގަނޑުތައް ހަމަކުރުމަށްޓަކައި ދެވިފައިވާ މުހިންމު ލަފާތަކެކެވެ.
މީގެ އިތުރުން، ބަލައިގަނެވުނު މައްސަލަތަކުގެ ތެރެއިން ތަހުގީގު ނިމި ދައުވާ ކުރުމުގެ މަރުހަލާއަށް ދިޔަ މައްސަލަތަކުގައި، އެކި ބާވަތުގެ ޖުމްލަ 290 ދައުވާއެއް ކޯޓުތަކަށް ހުށަހަޅާފައިވާއިރު، އަދި ޝަރީއަތުގެ މަރުހަލާގައި ހުރި މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރުމަށްޓަކައި 1100 އަށްވުރެ ގިނަ އަޑުއެހުމަށް ޕީޖީ އޮފީހުގެ ވަކީލުން ވަޑައިގެންފައިވާކަމަށް ތަފާސްހިސާބުން ވަނީ ދައްކާފައެވެ.


.png?w=3840&q=75)




.png?w=3840&q=75)




