






ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއެއްގައި އިންޓަވިއު ދިން ކަމަށް ބުނެ، އީޝާ އަޝްރަފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާނުލައި، ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. އެހެންކަމުން މީޑިއާތަކަށާއި އާންމުންނަށް އެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު ކޯޓުން ދީފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީއެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމެއް ކުރިން ފުރުއްވި އީޝާގެ މައްޗަށް މި ދައުވާ އުފުލާފައިވާއިރު، މައްސަލައިގެ ތަހުގީގު މަރުހަލާގައި ދިފާއުގައި ވާހަކަދެއްކުމުގެ އެކަށީގެންވާ ފުރުސަތު ފުލުހުން ދީފައިނުވާ ކަމަށް ބުނެ އޭނާ ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މި ޑޮކިއުމެންޓްރީއާ ގުޅިގެން 'އަދަދު' ނޫހުގެ އިސް ދެ ވެރިން ކަމަށްވާ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލާފައެވެ. ނޫސްވެރިކަމުގެ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ބޭނުން ހިފައި، ތަހުގީގުގައި ހަނުތިބި އެ ދެ ނޫސްވެރިންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް 'ގެގް އޯޑަރ' (ތަހުގީގާއި ޝަރީއަތުގެ ވާހަކަ އާންމުކުރުން މަނާކުރާ އަމުރެއް) ވެސް ނެރެފައެވެ. އެ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު މީގެ ކުރިން ކޯޓުގެ އަމުރަށް ވަނީ ޖަލަށްވެސް ލައިފައެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ހަނިވާގޮތަށް އަދި ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ، މަދަނީ ޖަމިއްޔާތަކުންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ހަސްމުންގެ ރައްކާތެރިކަމަށާއި މައްސަލައިގެ ބާވަތުން ޝަރީއަތް ސިއްރުން ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް، ކޯޓުން ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.



