


.png?w=3840&q=75)
.jpg?w=3840&q=75)
-1791455226200.jpeg?w=3840&q=75)


ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ، އައިސިސް (އައިއެސް) ޖަމާޢަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދަޢުވާ ލިބުނު މީހުންގެ ތެރެއިން ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި އެހެން އެންމެން ބަންދުން މިނިވަންވެއްޖެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ކްރިމިނަލް ކޯޓުން މި މައްސަލައިގެ ޙުކުމް އިއްވާފައިވަނީ މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ. މި މައްސަލައަކީ ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 8 ފެބްރުވަރީ 2021 ގައި ދަޢުލަތުން އެ ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި އެޕްރީލް މަހު ޚުލާޞާ ބަޔާން ހުށަހަޅައި، ޝަރީޢަތުގެ އަޑުއެހުންތައް ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މައްސަލާގައި ދަޢުލަތުން 7 ބާވަތެއްގެ ދަޢުވާއެއް އެކި މީހުންގެ މައްޗަށް ހުށަހަޅާފައިވާއިރު، ޝަރީޢަތަށް ސާބިތުވާކަމަށް ކޯޓުން ކަނޑައަޅާފައިވަނީ އޭގެ ތެރެއިން އެންމެ 3 ބާވަތެއްގެ ދަޢުވާއެވެ.
ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވެގެން، ޢަބްދުﷲ ޢިމާދުގެ މައްޗަށް 3 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި ޢަލީ މުނީޒުގެ މައްޗަށް އެ ކުށުގައި 1 އަހަރާއި 9 މަހާއި 1 ދުވަހުގެ ޖަލު ޙުކުމެއް އިއްވިއެވެ. ނަމަވެސް، މި ދެ މީހުން ވެސް ޝަރީޢަތް ނިމެންދެން ބަންދުގައި (ވާނުވާ ބަންދުގައި) ހޭދަކުރި މުއްދަތު ޙުކުމުން އުނިކުރުމުން، ތަންފީޛުކުރަންޖެހޭ އިތުރު އަދަބެއް ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި ދަޢުވާ ސާބިތުވި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް ވެސް އިއްވީ 3 އަހަރުގެ ޖަލު ޙުކުމެކެވެ.
ބޭރު ޤައުމެއްގައި ހިނގާ ހަނގުރާމައަކަށް ދާން އުޅުމުގެ ދަޢުވާ ސާބިތުވެފައިވަނީ ހަމައެކަނި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށެވެ. އެ ކުށަށް އޭނާގެ މައްޗަށް 5 އަހަރުގެ ޖަލު ޙުކުމެއް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އޭނާގެ މައްޗަށް ޖުމްލަ 8 އަހަރުގެ ޖަލު އަދަބެއް އަންނައިރު، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު ވެސް އޭނާ އަދި ޖަލުގައި ހުންނަން ޖެހެއެވެ.
މީގެ އިތުރުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ ޢަބްދުﷲ ޢިމާދު އަދި އިބްރާހީމް ލޫތުގެ މައްޗަށް ސާބިތުވެ، ކޮންމެ މީހަކަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ކޯޓުން އިއްވިއެވެ. ނަމަވެސް، މި ދެ މީހުން ވެސް ބަންދުގައި ހޭދަކުރި ދިގު މުއްދަތު ޙުކުމުގެ މުއްދަތުން އުނިކުރުމުން، އެ މީހުން ވެސް ތަންފީޛުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ޝަރީޢަތުގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މި މައްސަލާގައި ހިމެނޭ އެންމެ ބޮޑެތި ކުށްތައް ކަމަށްވާ، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދަޢުވާތައް ޝަރީޢަތަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ކޯޓުން މި ދަޢުވާތައް ސާބިތުނުވާ ކަމަށް ނިންމި މައިގަނޑު ސަބަބަކީ، ފުލުހުންގެ ތަޙުޤީޤުގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މޮބައިލް ފޯނަކުން ނެގި ޑިޖިޓަލް ޑާޓާގެ ނަޒާހާތްތެރިކަމާމެދު (އިންޓެގްރިޓީ) ސުވާލު އުފެދިފައިވާތީ ކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. މި މުހިންމު ހެކިތައް ޝަރީޢަތުން ބަލައިނުގަތުމާ ގުޅިގެން، ރޭވުމާއި ޢަމަލީ ގޮތުން ބައިވެރިވުމުގެ ދަޢުވާތައް ސާބިތުކުރެވޭ މިންވަރަށް ހެކިބަސް ލިބިފައި ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މި މައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ ޖުމްލަ 8 މީހެއްގެ މައްޗަށެވެ. އެއީ ޢަބްދުﷲ ޢިމާދު، އިބްރާހީމް ލޫޠު، ޢަލީ މުނީޒު، މުޙައްމަދު އާޞިރު، ޢަބްދުﷲ ޝަރީފް، ޝަމާޚު ޝަރީފް، އަޙުސަން މުޙައްމަދު އަދި ޢަލީ އަރުޙަމް މުޙައްމަދެވެ. މީގެ ތެރެއިން ސާބިތުނުވި ދަޢުވާތަކާއި، އަދި ސާބިތުވި ދަޢުވާތަކުގެ އަދަބު ބަންދުގައި ތަންފީޛުވެ ނިމިފައިވާތީ، ޢަލީ އަރުޙަމް ފިޔަވައި ދެން ތިބި ހަތް މީހުން މިހާރު ވަނީ ބަންދުން މިނިވަންވެފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ސާބިތުނުވާކަމަށް ކޯޓުން ނިންމި މުހިންމު ދަޢުވާތައް ހައިކޯޓުގައި އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނީ، ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބި، އެ ރިޕޯޓު ދިރާސާކުރުމަށް ފަހުގައި ކަމަށެވެ.



.png?w=3840&q=75)
.jpg?w=3840&q=75)