







ސޯލާ
ފާއިތުވި 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ކުރިއާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑަށް އިތުރުކުރެވިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ މި ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ރާއްޖޭގައި ތެލަށް ކުރާ ޚަރަދު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރަށް އަރާ ކަމަށާއި، އެއީ ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ގާތްގަނޑަކަށް 10 އިންސައްތަ ކަމަށެވެ. އެހެންކަމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ކޮންމެހެން މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
2023 ވަނަ އަހަރު ބޭއްވި ކޮޕް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 33 އިންސައްތައަށް މަތިކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. އަދި ވަޒީރު ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ފެއްޓެވިއިރު ރާއްޖޭގައި އިންސްޓޯލްކޮށްފައި ހުރީ 53 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެތައް ރަށެއްގައި ހިންގުނު މަޝްރޫޢުތަކާއެކު މިހާރު އެ މިންވަރު 136 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
“ޖުމްލަ އަޅުގަނޑުމެން ހަވާލުވީއިރުގައި 53 ގައި ހުރި އެއްޗެއް މި 3 އަހަރޔ ނިމިގެން އައިއިރުގައި އަޅުގަނޑުމެންނަށް އޭތި ބަދަލުކޮށްލެވިއްޖެ 136 އަކަށް. އެހެންވީމަ 2 ގުނައަށްވުރެވެސް ބޮޑުކުރެވިއްޖެ އަޅުގަނޑުމެންނަށް. އެއީ އެއިރު ހުރި ވަރާއި އަޅާބަލާއިރުގައި 61 އިންސައްތަ ކުރިއެރުމެއް” ވަޒީރު ވިދާޅުވި އެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލަނޑުދަނޑީގެ ގާތްގަނޑަކަށް 30 އިންސައްތަ މިހާރު ހާސިލްކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރުވެސް 100 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ކުރިއަށްދާ ކަމަށާއި، އިތުރު 150 މެގަވޮޓްގެ މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.




