






“އިކޯ އެކްސްޕޯ އޭޝިއާ 2026” ހުޅުވުމުގެ ރަސްމިއްޔާތުގައކި ރާއްޖޭގެ ވަފުދެއް ބައިވެރިވަޑައިގެންފި އެވެ.
ހޮންގް ކޮންގްގައި ބޭއްވި މި ރަސްމިއްޔާތުގައި ތިމާވެއްޓާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލާ ޢާއިޝަތު އިނާޔާ އާއި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ ނާޞިރު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއިން ތިމާވެއްޓާބެހޭ ދާއިރާއަށް ދެމެހެއްޓެނިވި ހައްލުތަކަށް ދޭ ސަމާލުކަން އިތުރުކުރުމުގެ މުހިންމު ފިޔަވަޅެކެވެ.
މި އެކްސްޕޯއަކީ ސަރަޙައްދީ ފެންވަރުގައި ސަރުކާރުތަކާއި، ވިޔަފާރިތަކާއި، ކަމާގުޅުންހުރި އެކި ފަރާތްތައް އެއްތަންކޮށްދޭ މުހިންމު މަންސައެކެވެ. އަދި މިކަމުގެ ބޭނުމަކީ ގުޅުން ބަދަހިކުރުމަށާއި، ތިމާވެއްޓާ ގުޅޭ އައު އީޖާދީ ހައްލުތައް ދައްކާލުމުގެ އިތުރުން، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ތަރައްޤީއަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.
ދިވެހިރާއްޖެއިން މި އެކްސްޕޯގައި ބައިވެރިވުމުގެ މަޤްޞަދަކީ، ދުނިޔޭގެ ފެންވަރުގައި ތިމާވެއްޓާބެހޭ އައު ހައްލުތަކުން ފައިދާ ނެގުމާއި، ދިވެހިރާއްޖޭގެ ތިމާވެއްޓާބެހޭ ސިޔާސަތުތައް އިތުރަށް ކުރިއެރުވުމަށް މަގުފަހިކުރުމެވެ.







