







ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައިވާ އައުޓްޑޯ ޖިމުގައި އާންމުންނަށް އަމާޒުކޮށްގެން ފިޓްނަސް އެވެއާނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި އެވެ.
މި ހަރަކާތަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަބްދު ﷲ އިބްރާހީމް ވިދާޅުވީ މިއީ ސަރުކާރުން ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމުގެ ދަށުން ބޭއްވި ހަރަކާތެއް ކަމަށެވެ. އަދި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ޖިމްތަކަށް މީހުން އަހުލުވެރިކުރުވުން ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މި ހަރަކާތުގެ ތެރެއިން އައުޓްޑޯ ޖިމްތަކުގައި ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު ކުރެވިދާނެ އެކި ކަހަލަ ކަސްރަތުތައް އާންމުންނަށް ދަސްކޮށްދީ، މައުލޫމާތު ފޯރުކޮށްދީފައިވާކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވި އެވެ.
"މިއީ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ އެވެއާނަސް ޕްރޮގްރާމެއް. މަޤްސަދަކީ އައުޓްޑޯ ޖިމްތައް ބޭނުންކުރާނެ ގޮތްތަކަށް އާންމުން އަހުލުވެރިކުރުވުން" އަބްދު ﷲ އިބްރާހީމް ވިދާޅުވި އެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ބައެއްގެ ގޮތުގައި ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުޅިވަރު ވުޒާރާގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މިހާރު ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ އެ ކައުންސެލަރުން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިފަދަ ހަރަކާތްތައް ފުޅާދާއިރާއެއްގައި ކުރިއަށްގެންދިއުމެވެ.




