



.jpeg?w=3840&q=75)



މޫސުން
ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފަ އެވެ.
މި ސަމާލު ނެރެފައިވަނީ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 16:30 އާ ހަމައަށެވެ. މެޓް އޮފީހުން ބުނީ ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން މެޓުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގަ އެވެ.
އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ޢާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެ އެވެ.



