







އައިޖީއެމްެޗް މިސްކިތް
އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފާޙިޝު އަމަލުތަކާއި ނުބައި ވަބާތަކުން މުޅި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ހުރިހާ ފަރާތްތަކަކުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މަޢުޟޫއަށް ހުކުރު ހުތުބާގައި ސިއްރުގައްޔާއި ފާޅުގައި ވެސް އެފަދަ އެންމެހައި ނުބައި ކަންކަމާ ދުރުހެލިވުމަށް ނަސޭހަތްތެރިވި އެވެ.
ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނުގައި ފާޙިޝު ކަންކަމުގެ ގޮތުގައި ބަޔާންކުރައްވާފައި ވަނީ ބަހާއި އަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކަންކަމެވެ. އޭގެ ތެރޭގައި ޒިނޭއާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މި ނޫން ވެސް ބަދުއަޚުލާޤީ އެތައް ޢަމަލެއް ހިމެނޭކަން ފާހަގަކުރައްވައި، މުއުމިނުންގެ މެދުގައި މިފަދަ ހުތުރު ވާހަކަތަކާއި ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ދެދުނިޔޭގައި ވެސް ގަދަފަދަ އަޒާބު ހުރިކަމުގެ އިންޒާރު މާތް ﷲ ދެއްވާފައިވާކަން ހަނދާންކޮށްދެއްވި އެވެ. އަދި ލޫޠުގެފާނުގެ ޤައުމުގެ މީހުން ހިންގި މިފަދަ ފާޙިޝު ޢަމަލުތަކުގެ ސަބަބުން އެބައިމީހުންނަށް އައި އަޒާބުން އިބުރަތް ލިބިގަތުމަށް ގޮވާލެއްވި އެވެ.
މީގެ އިތުރުން ބަޔަކު މީހުންގެ މެދުގައި ފާޙިޝު އަމަލުތައް ފާޅުވެ އާންމުވެއްޖެ ނަމަ، އެބައިމީހުންގެ އިސްވެދިޔަ މީހުން ދެކެފައިނުވާ ފަދަ ވޭންދެނިވި ބަލިތަކާއި ޠާޢޫނު ބަލި ފެތުރިގެންދާނެ ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ހުތުބާގައި ބަޔާންކުރެއްވި އެވެ. އެގޮތުން މިއަދުގެ ދުނިޔޭގައި ވެސް އެޗް.އައި.ވީއާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް އެންމެ ގިނައިން ފެތުރެމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކާއި ފާޙިޝު އަމަލުތަކުގައި ޝާމިލުވާ މީހުންގެ މެދުގައިކަން ފާހަގަކުރައްވައި، މިއީ މުޅި މުޖުތަމައަށް އޮތް ބޮޑު ސިއްހީ ނުރައްކަލެއް ކަމަށް ފާހަގަކުރެއްވި އެވެ.
ފާޙިޝު ކަންކަމަށް މަގުފަހިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، މިއަދު ދުނިޔޭގެ އެކި މަންސަތަކުގައި އަގުތަކާ އެކު ފާޅުގައި ވިޔަފާރިއެއްގެ ގޮތުގައި ފާޙިޝު އަމަލުތައް އިޝްތިހާރުކޮށް ހިންގަމުންދާ ކަމަށެވެ. މިފަދަ ނުރައްކާތެރި ވަބާތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ މަސްއޫލުވެރީން އެކުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ މުޅި ޤައުމު ބޮޑު ސިއްހީ އަދި އަޚުލާޤީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވި އެވެ.
ޝަހުވާނީ އެދުންތައް ފުއްދުމުގައި އިސްލާމްދީން ހުއްދަކުރައްވާފައިވާ ޙަލާލު މަގު އިޚުތިޔާރުކުރުމަށް ބާރުއަޅުއްވައި، ކުޅަދާނަކަން ލިބިގެންވާ ޒުވާނުން އަވަހަށް ކައިވެނިކުރުމަށާއި، ކައިވެނީގެ ތަނަވަސްކަން ނެތް މީހުން ރޯދަހިފުމަށް ހުތުބާގައި އިރުޝާދު ދެއްވި އެވެ. އަދި ތަނަވަސްކަން ހުރި މީހުން، ޒުވާނުންނަށް ކައިވެނިކުރުމުގައި އެހީތެރިވެދިނުމަކީ ފާޙިޝު ކަންކަން ހުއްޓުވުމަށް އެޅޭނެ މުހިންމު ބާރެއްކަން ފާހަގަކުރައްވައި، މާތް ﷲގެ ފޮތާއި ރަސޫލާގެ ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް މުޅި މުސްލިމް އުންމަތަށް ވަނީ ގޮވާލައްވާފަ އެވެ.








.jpeg?w=3840&q=75)