







މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ހުޅުދޫގައި އެ ކުންފުނީގެ މަސްފިހާރައެއް ރަސްމީކޮށް ހުޅުވައިފި އެވެ.
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރައަށްވާއިރު، މިއާއެކު މިފްކޯގެ މަސްފިހާރަތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 8 އަށް އަރާފަ އެވެ.
ހުޅުދޫގައި ހުޅުވި އާ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ދެ ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވި އެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، ހުޅުދޫގައި މަސްފިހާރައެއް ގާއިމުކުރުމަށް ނިންމީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ވުމުން ކަމަށެވެ. ބަނދަރު ސަރަހައްދުގައި ހިންގާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ތަނަކަށް ވުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ރައްޔިތުންގެ މައިގަނޑު އެދުން ކަމުގައި އަނަސް ފާހަގަކުރެއްވި އެވެ.
"މިއަދު އަޅުގަނޑުމެން މި އިޖާބަދެނީ ރައްޔިތުންގެ އެ އެދުމަށް، އެގޮތުން ބަނދަރުގައި ހުރި ފިހާރަ މަސްވެރިންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށް، ރަށުގެ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި ހުޅުވުނު ފިހާރައަކީ ރައްޔިތުންގެ އެދުމަށް ދެވުނު އަމަލީ ޖަވާބެއް ކަމުގައި ދެކެން" އަނަސް ވިދާޅުވި އެވެ.
މީގެ އިތުރުން އަނަސް ވިދާޅުވީ، ހަމައެކަނި ފިހާރައެއް ހުޅުވުމަކުން މިފްކޯގެ ޒިންމާ އަދި ނުނިމޭ ކަމަށާއި، މި ފިހާރަތަކުން މެދުނުކެނޑި އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އައްޑޫގައި ލޯކަލް ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމުގެ މަސައްކަތް ރޭވި ކުރިއަށްދާ ކަމަށެވެ. މި ޕްރޮޑަކްޝަން ހައުސްގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ފިހާރަތަކަށް މެދުކެނޑުމެއް ނެތި ތަކެތި ފޯރުކޮށްދެވި، އެ ސަރަހައްދުގެ އިގްތިސާދަށް އާ ދިރުމެއް ލިބި ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

IMG_0942-scaled.jpg
މި އަހަރުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލައް ސިޓީގައި ވެސް މިފްކޯގެ މަސްފިހާރަ ހުޅުވާފައިވާއިރު، މާލޭގައި 2 ފިހާރަ އަދި ހުޅުމާލޭގައި 3 ފިހާރަ މެދުވެރިކޮށް މިފްކޯގެ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ.
ހުޅުދޫގައި ހުޅުވުނު މި ފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުމެއްގެ އިތުރުން، އެ ރަށުގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ހެދިކާ ހެދުމުގެ ވިޔަފާރިތަކަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.








